މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ބ. އޭދަފުށި ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންސްޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު މީހަކު ބ.ކަމަދޫން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އޭނާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ބޭނުންކޮށް މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެެއްގައި ކަމަށެވެ.
މާރިޗު މަހުގެ 30 ވަނަ ދުވަހުގެ ރޭ ހިންގި އެ އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަހައްދުން އޭނާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހާގެ ބަންދާމެދު ގޮތެއް ނިންމުމަށް ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތު ދީފައިވާ ކަމަށެވެ.
މިހާރު މި މައްސަލަ އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.




