ރާއްޖޭގެ ސިވިލް ސަރވިސް މުވައްޒަފުންތަކެއް ތަމްރީން ހޯދުމަށް އިންޑިއާއަށް ގޮސްފިއެވެ.
އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ " ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ އެކި އިދާރާތަކުގެ 29 މުވައްޒަފަކު އިއްޔެ ވަނީ އިންޑިއާއަށް ގޮސްފައެވެ.
މިމަހުގެ 16 އިން 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ.
މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ.
މި ވަފުދުގެ ބައިވެރިންނާއެކު އިސް ބޭފުޅެއްގެ ގޮތުން ވަޑައިގެންނެވީ ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރު އަލްފާޟިލާ ފާތިމަތު އާމިރާ އެވެ.



