ފައިސަލް ނަސީމް - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ މިނިވަންކަން ދިނުމުން މި ސަރުކާރަށް ލިބުނީ ފައިދާ - ނައިބު ރައީސް

ހަނިކުރެވިފައި އޮތް ނޫސްވެރިކަމާއި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ދިނުމުން ސަރުކާރަށް ލިބުނު ގެއްލުމެއް ނެތްކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ފައިސަލް ނަސީމް މިހެން ވިދާޅުވީ، 2018 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމު ދިނުމުގެ ހަފްލާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅު ދައްކަވަމުން ދާދި ދެންމެއެވެ.

ފައިސަލް ނަސީމް ވިދާޅުވީ، ނޫސްވެރިކަމުގެ މިނިވަންކަން ދިނުމުން ސަރުކާރަށް ލިބުނު އެއްވެސް ގެއްލުމެއް ނެތްކަމަށާއި، އޭގެ ބަދަލުގައި ލިބިފައިވަނީ ފައިދާ ކަމަށެވެ.

"ނޫސްވެރިކަމަކީ ޑިމޮކްރަސީގެ އެއް ތަނބު، އެއް ބާރުވެސްމެ، އާ ޤާނޫނު އަސާސީން ލިބިދިން އެންމެ މުހިންމު އެއް ހައްޤަކީވެސް ނޫސްވެރިކަމުގެ މިނިވަންކަން. އެއާއެކު ދެން ކަށަވަރުވެގެން ދިޔައީ މަޢުލޫމާތު ހޯދައި ލިބިފަތުމާއި، މަޢުލޫމާތު ފެތުރުމުގެ މިނިވަންކަން." ނައިބު ރައީސް ވިދާޅުވިއެވެ.

ނައިބު ރައީސް ވިދާޅުވީ، ދައުލަތުގެ މުއައްސަސާތައް ޒިންމާދާރުކޮށް ޤައުމުގެ ކަންކަން އިސްލާހުކުރުމުގައި ނޫސްވެރިންގެ މަސައްކަތް ވަރަށް މުހިންމު ކަމަށެވެ. އަދި ޑިމޮކްރަސީގެ ހަރުދަނާ އުޞޫލުގެ މަތީން ބިނާކުރަނިވި ގޮތެއްގައި ފާޑުކިޔައި، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފަމުން އަންނަ ބަޔަކީ ނޫސްވެރިން ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަންދޫބުންގެ ގޮތުގައި އެ މުހިންމު (ސަރުކާރު ޒިންމާދާރު ކުރުވުން) ދައުރު އަދާކުރާ އެއްބަޔަކީ ނޫސްވެރިން ކަމަށާއި، މި ސަރުކާރު ފެށުނުއިރު ނޫސްވެރިކަން އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"ނޫސްވެރިކަން އޮތީ ވަރަށް ބޮޑަށް ހިފެހެއްޓި ކަސްދޮޅުއެޅުވިފައި. ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ އެ ހައްޤު އެއްވެސް ވަރަކަށް ނެތޭ ބުނެވޭހާ މިންވަރަށް ހަނިކޮށްފައި. ނޫސްވެރިން ޖަލަށް ލައި ޓެރަރިޒަމްގެ ދައުވާކޮށް ނުރައްކާތެރި ބިރުވެރި އެތައް ކަމެއް ކުރިމަތިކުރުވި." ނައިބު ރައީސް ވިދާޅުވިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުގެ މިނިވަންކަން ހިފަހައްޓައިގެން ޤައުމަށް ލިބޭނެ ކުރިއެރުމެއް ނޯންނާނެ ކަމަށާއި، ސަރުކާރު ހިންގަންތިބޭ ބަޔަކަށް އެކަމުން ލިބޭނެ ފަސޭހައެއްވެސް ނޯންނާނެ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.

"މި ސަރުކާރަށް ނުވަ މަސް ވެގެން މިދަނީ ނޫސްވެރިކަމުގެ ފުރިހަމަ މިނިވަންކަމާއެކު. އެ މިނިވަންކަން ދިނުމުން ސަރުކާރަށް ލިބުނު އެއްވެސް ގެއްލުމެއް ނެތް. ލިބުނީ ފައިދާ." ނައިބު ރައީސް ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ނައިބު ރައީސް އިތުރަށް ވިދާޅުވީ، ނޫސްވެެރިކަމުގެ މިނިވަންކަން މި ސަރުކާރުން ރައްކާތެރިކޮށްދީފައި ވާނެ ކަމަށާއި، ނޫސްވެރިންނަށާއި، ނޫސްވެރިކަމަށް މިހާތަނަށް އެއްވެސް ނުރައްކަލެއް ފޯރާފައި ނޯންނާނެ ކަމަށެވެ. އަދި އިރާދަކުރެއްވިއްޔާ ދުވަހަކުވެސް މި ސަރުކާރުން ނޫސްވެރިންނަށް އެއްވެސް ނުރައްކަލެއް ނުފޯރާނެ ކަމަށްވެސް ނައިބު ރައީސް ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ