ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުން މާލީ އެހީ ދިނުމުގެ އުޞޫލެއް ފުރަތަމަ ފަހަރަށް އެކުލަވާލައި، މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފިއެވެ.
މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދެއް ފުއްދުމުގެ ގޮތުން އެކުލަވާލެވުނު އުޞޫލެކެވެ. މި އުޞޫލުގެ ދަށުން، ދައުލަތުގެ ބަޖެޓުން ވަކި އިންސައްތައެއް މީޑިއާތަކަށް ކަނޑައެޅި، މީޑިއާތަކާއި ނޫސްވެރިކަން ކުރިއެރުވުމަށް މަގުފަހިވެގެންދާނެއެވެ.
ރައީސް މުޢިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށްފަހު އިންތިޤާލީ މަރުޙަލާގައި "މީޑިއާ ގުންޒަރު" ގެ ނަމުގައި ބޭއްވެވި މަޝްވަރާ ބައްދަލުވުމުގައި، މީޑިއާތަކަށް ދިމާވެފައިވާ ދަތިތަކަށް ހައްލު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި މީޑިއާތައް ބާރުވެރިކުރުވުމަށް ސަރުކާރުން ގެންގުޅުއްވާ ޕްލޭންގެ ތެރެއިން މާލީ އެހީތެރިކަން ފޯރުކޮށްދެއްވުމަށް ދެފުށްފެންނަ އުޞޫލެއް އެކުލަވާލައްވާނެކަމަށް އިޢުލާނުކުރެއްވިއެވެ.
އައު އުޞޫލުގެ ދަށުން، ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުގެ އަންދާޒާކުރެވޭ ރެވެނިއުގެ 0.1 އިންސައްތައަށް ވާ މިންވަރު މީޑިއާތަކަށް ދޫކުރެވޭނެއެވެ. މި އަދަދު ކަނޑައެޅުމުގައި ހިލޭ އެހީއާއި އާމްދަނީ އިތުރުކުރަން ހުށަހަޅާ އައު ކަންކަމުން ލިބޭނެކަމަށް ލަފާކުރާ ފައިސާ އަދި ވަކި ކަމަކަށް ހިމަނާފައިވާ ފައިސާ ނުހިމެނޭނެއެވެ.
މި އުޞޫލާއެކު، ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ އަމިއްލަ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ހޯދުމަށް އެދި ކުރިމަތިލުމުގެ ފުރުޞަތު ފުރަތަމަ ފަހަރަށް ހުޅުވިގެންދާނެއެވެ. މިއީ ދެފުށްފެންނަ އަދި ޒިންމާދާރު އުޞޫލެއްގެ ދަށުން ކުރިއަށްގެންދެވޭނެ ކަމެކެވެ.




