އަންނަ އެޕްރީލް ހަވަނަ ދުވަހު ރާއްޖޭގައި ބެއްވުމަށް ހަމަޖެހިފައިވާ މަޖިލިސް އިންތިޚާބާއި ގުޅިގެން ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހެޅިފައިވަނީ އެންމެ ދެ ޝަކުވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.
އިލެކްޝަންސް ކޮމިޝަނުން މިކަން ހާމަކޮށްފައިވަނީ މިހާރު ކުރިއަށްދާ އެ ކޮމިޝަނުގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފްއެވެ.
އިލެކްޝަންސް ކޮމިޝަނުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވީ، މިދިޔަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް ހުށަހަޅިފައިވަނީ ދެ ޝަކުވާ ކަމަށެވެ.
"ޤައުމީ ކޮމްޕްލެއިންޓްސް ބިއުރޯއަށް މިހާތަނަށް ހުށަހެޅިފައިވަނީ ދެ ޝަކުވާ. އެއީ ރީ-ރަޖިސްޓަރޭޝަނާ ގުޅޭ ޝަކުވާ." އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
އިންތީޚާބަށް ލަފާއަރުވާ ކޮމެޓީގެ މެންބަރު އޭސީސީގެ ނައިބު ރައީސް މުއައްވިޒް މި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ، އިންތީޚާބާއި ގުޅިގެން 3 ޝަކުވާއެއް ހުށަހެޅިފައިވާ ކަމަށާއި، އޭގެ ތެރެއިން 1 ޝަކުވާ ބަލާ ނިމިފައިވާ ކަމަށާއި، އެއް ޝަކުވާ ބަލަމުންދާކަމަށް އަދި އެއް ޝަކުވާއާ ގުޅޭ އިތުރު މަޢުލޫމާތު ހޯދުމަށް އެދިފައިވާނެ ކަމަށެވެ.
މަޖިލިސް އިންތީޚާބުގައި ވާދަކުރެއްވުމަށް 403 ފަރާތަކުން ކުރިމަތިލައްވާފައިވާއިރު، އީސީން ކެންޑިޑެންސީ ބަލައިގެންފައިވަނީ 395 ފަރާތެއްގެއެވެ.