ނޫސްވެރިކަމުގެ އެވޯޑް ހަފްލާގައި ނައިބު ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ރައީސް އޮފީސް

ޤައުމީ ޕްރެސް ކުލަބެއް އުފެއްދައި، ޕީއެސްއެމްގެ ޤާނޫނާއި އެމްބީސީގެ ޤާނޫނަށް ބަދަލުގެންނަނީ

ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމެންވާއިރަށް ޤައުމީ ޕްރެސް ކުލަބެއް އުފެއްދެވުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިހެން ވިދާޅުވީ ނޫސްވެރިކަމުގެ އެވޯޑް 2018 ދިނުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ނޫސްވެރިކަން ތަރައްޤީކުރުމަށް މި ސަރުކާރުގެ ސިޔާސަތުތަކެއް ހުރިކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ޕްރެސް ކްލަބެއް އުފެއްދުމުގެ އިތުރުން ޕަބްލިކް ސަރވިސް މީޑިޔާގެ ޤާނޫނާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ޤާނޫނަށް ސަރުކާރުން ބަދަލުތަކެއް ގެންނަވަން ނިންމަވާފައިވާ ކަމަށެވެ.

ނޫސްވެރިކަމުގެ ދާއިރާ ކުރިއެރުވުމަށްޓަކައި ތަމްރީނާއި މަތީ ތަޢުލީމު ފުޅާކޮށް، އިންސާނީ ވަސީލަތްތައް އިތުރަށް ތަރައްޤީކުރުމަށް ސަރުކާރުގެ ވިސްނުންހުރިގޮތްވެސް މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހާމަކުރެއްވިއެވެ.

ނައިބު ރައީސް ވިދާޅުވީ، މިހާރު ރާއްޖޭގައި ހިންގާ ޖާނަލިޒަމް ކޯސްތައް ހަރުދަނާކޮށް، އިންވެސްޓިގޭޓިވް ޖާނަލިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މުހިއްމު އެއް ސިޔާސަތު ކަމަށާއި، ހަމައެފަދައިން ނޫސްވެރިކަމުގެ ދާއިރާއިން މަތީ ތަޢުލީމް ޙާޞިލްކުރުމަށް، ސްކޮލަޝިޕާއި ލޯނުގެ ފުރުޞަތުވެސް، ކުރިމަގުގައި އިތުރުކުރައްވާނެކަމަށެވެ.

ނޫސްވެރިންގެ އަގުވަޒަންކޮށް ހިތްވަރުދިނުމުގެ ގޮތުން މޯލްޑިވްސް މީޑިޔާ ކައުންސިލުން ކޮންމެ އަހަރަކު ދެމުން އަންނަ ނޫސްވެރިކަމުގެ އިނާމު މިދިޔަ 2018 ވަނަ އަހަރު ލިބުނު ފަރާތްތަކުގެ ތެރޭގައި ހިމެނުނު އެންމެޝަރަފުވެރި އިނާމުކަމަށްވާ ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސްގަލަން ހާޞިލުކުރި ފަރާތްތަކަށް އެ އެވޯޑް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ