ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ވާދަކޮށްފައި ނުވާ ޖުމްހޫރީ ޕާޓީއިން އަންނަ ރިޔާސީ އިންތިޚާބުގައި ކެންޑިޑޭޓަކު ނެރޭނެކަން ޕާޓީގެ ލީޑަރ ޤާސިމް އިބްރާހީމް އިއުލާނުކުރައްވައިފިއެވެ.
ޤާސިމް އިބްރާހީމް މިކަން އިއުލާން ކޮށްފައިވަނީ ޖުމްހޫރީ ޕާޓީއާ އަލަށް ގުޅުނު މެމްބަރުންތަކެއް ސޮއިކުރުމަށް ރޭ ކުނޫޒުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް އިބްރާހިމް ވިދާޅުވީ، ޖުމްހޫރީ ޕާޓީގެ ބައިވެރިވުމެއް ނެތި މިހާތަނަށް އެއްވެސް ސަރުކާރަކަށް ވެރިކަމަށް އާދެވިފައި ނެތްކަމަށާއި، ވާދަވެރި ދެ ޕާޓީއެއްގެ އިތުރުން ހަމަ އެ ފެންވަރުގައި ތިންވަނަ ބަޔަކުވެސް އޮންނަން ޖެހޭ ކަމަށެވެ.
"އެހެންވީމާ 2023 ގައި ޖުމްހޫރީ ޕާޓީންވެސް ރިޔާސީ ކެންޑިޑޭޓެއް ވާޑަކުރާނެ. މި ޕާޓީން ނުކުންނާނެ ރައީސުލްޖުމްހޫރިއްޔާކަމަށް ވާދަކުރަން. އެއީ ދެން ކަށަވަރުކަމެއް. އެއީ ކާކުކަން، އެއީ އަޅުގަނޑުތޯ ނުވަތަ އެހެން މީހަކުތޯ ކަނޑައަޅާނީވެސް ޕާޓީގެ މެމްބަރުން. އަޅުގަނޑެއް ނޫން،" ގާސިމް އިބްރާހީމް ވިދާޅުވިއެވެ.
ޤާސިމް އިބްރާޙީމް ރޭ އިތުރަށް ވިދާޅުވީ، ޕާޓީގެ ލީޑަރުވެސް ކޮންގްރެސް އިން ހޮވުމުގެ ބަދަލުގައި އާއްމު ވޯޓަކުން ހޮވާގޮތަށް ބަދަލުކުރަން ނިންމައި، ދެން އަންނަ ޕާޓީ ކައުންސިލުގެ ބައްދަލުވުމަކަށް އެ ބަދަލު ގެންނަން ހުށަހަޅަން ގަސްދުކުރައްވާ ކަމަށެވެ.
ޖޭޕީގެ ލީޑަރ ޤާސިމް އިބްރާހީމް 2008 ވަނަ އަހަރާއި 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ގޮސްފައިވަނީ ތިންވަނަ އަށެވެ. އެހެންވެ ދެވަނަ ބުރުގައި ޤާސިމް އިބްރާހީމް ތާއީދުކުރެއްވި ޕާޓީތަކަށް ވެރިކަން ލިބިފައިވެއެވެ.



