ސުޕްރީމް ކޯޓުން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ޓަގް ބޯޓެއްގައި ރާއްޖެ ދޫކޮށް ފިއްލަވައިގެން އިންޑިއާ އަށް ވަޑައިގެންނެވުނީތީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ޢަބްދުލްޤަފޫރު މަޢާފަށް އެދިއްޖެއެވެ.
އަދީބު ކުށަށް އިއުތިރާފުވެ މައާފަށް އެދިފައިވަނީ، އަދީބު ފިއްލެވި މައްސަލައިގައި ދައުލަތުން އުފުލާފައިވާ ގާނޫނު ހިންގުމަށް ހުރަސްއެޅުމުގެ ކުށުގެ ދައުވާގެ ޝަރީއަތުގައި ކްރިމިނަލް ކޯޓުގައެވެ.
މިއަދުގެ ޝަރީޢަތުގައި އަދީބު ވިދާޅުވީ، ފިލައިގެން ދެވުނީތީ ފުލުހުންނާއި އެހެންމެހާ ފަރާތްތަކުގެ ކިބައިން މަޢާފަށް އެދޭކަމަށެވެ.
މިއަދު ބޭއްވި މިމައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި، އަދީބު ކުށަށް އިއުތިރާފުވެ، މަޢާފަށް އެދުމުން ދައުލަތުން އެދުނީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މިމައްސަލަ ކުރިއަށް ގެންދިއުމަށެވެ. މިފަދަ ހާލަތުގައި އަދަބު ކުޑަ ކުރުމުގެ އިހްތިޔާރު ފަނޑިޔާރަށް ލިބިގެންވެއެވެ.
އެ މައްސަލައިގައި އިންޑިއާ ސިފައިން އަދީބު ދިވެހި ފުލުހުންނާ ހަވާލުކުރުމުން ރާއްޖެ ގެނެސް އަދީބު ވަނީ ޖަލަށް ބަދަލުކޮށްފައެވެ. ނަމަވެސް ނިމިދިޔަ އޮގަސްޓް މަހުގެ 28 ވަނަ ދުވަހު ޓެގެއް އެޅުވުމަށްފަހު އަދީބު ވަނީ ގެއަށް ބަދަލުކޮށްފައެވެ.