ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންތަކެއް - ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް

ރާއްޖެއަށް ބަންގްލަދޭޝްގެ މަސައްކަތު މީހުން ގެނައުން ކޮންޓްރޯލްކޮށްފި

މަސައްކަތް ކުރުމަށް ރާއްޖެއަށް މީހުން އެންމެ ގިނައިން ގެންނަ ބަންގްލަދޭޝްއިން، ތަމްރީނު ލިބިފައިނުވާ މަސައްކަތު މީހުން ގެނައުން އަހަރު ދުވަހަށް އިކޮނޮމިކް މިނިސްޓްރީން މަނާކޮށްފިއެވެ.

އެ މިނިސްޓްރީން މިކަން ހާމަށްފައިވަނީ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ. މި ބައްދަލުވުމުގައި ވާހަކަ ފުޅު ދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއިލް ވިދާޅުވީ މި ނިންމުމާއި އެކު އަހަރު ދުވަސް ވަންދެން ތަމްރީން ލިބިފައި ނުވާ އެއްވެސް މަސައްކަތު މީހެއް ބަންގްލަދޭޝައިން ރާއްޖެއަށް ގެނައުމަށް ހުއްދަ ނުދޭނެކަމަށެވެ.

އެހެންނަމަވެސް އެހެން މަސައްކަތްތަކަށް ބަންގަލަދޭޝް އިން މީހުން ގެނެވޭނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގައި ޤާނޫނާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަވަނީ ބޮޑުވެފައެވެ. އަދި އެކަންތައް ހައްލުކުރުން ވަނީ ދަތިކަމަކަށްވެފައެވެ. ސަރުކާރުން އަބަދުވެސް ދަނީ ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ހޯދާ އެމީހުން ޤައުމަށް ފޮނުވާލަމުންނެވެ. ނަމަވެސް އެ މައްސަލައަށް ވަނީ އެކަށޭނެ ހައްލެއް ނުލިބިފައެވެ.

މިމައްސަލަ ހައްލުކުރުމަށް މިހާރު ވަނީ ޓާސްކް ފޯސް އެކުލަވާލާފައެވެ. އެގޮތުން ރައީސް އުފެއްދި މި ޓާސްކް ފޯސްގެ ޗެއާ ޕާސަނަކީ އިކޮނޮމިކް މިނިސްޓަރއެވެ. މި ޓާސްކް ފޯސްގައި ޑިފެންސް މިނިސްޓަރއާއި، ހޯމް މިނިސްޓަރއާއި، ފޮރިން މިނިސްޓަރއާއި، އެޓާނީ ޖެނެރަލްއާއި، ޕޮލިސް ކޮމިޝަރއާއި، އިމިގްރޭޝަން ކޮންޓްރޯލަރއާއި ލޭބަރ ރިލޭޝަން އޮތޯރިޓީގެ އިތުރުން މޯލްޑިވްސް ޓުއަރިޒަމް އެސޯސިއޭޝަން ވެސް ހިމެނޭ ގޮތަށެވެ.

މިނިސްޓަރ ވިދާޅުވީ، މިކަމަށް އެހާ ގިނަ ދުވަހެއް ނަގާފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ވަރަށް ވިސްނައިގެން ކަންކަން ކުރިއަށް ގެންދިއުމަށް ބޭނުންވާތީ ކަމަށާއި މިކަމުގެ ސަބަބުން އިގްތިސޯދަށް އަސަރެއް ނުކޮށް ކަން ކުރިއަށް ގެންދިއުމަށްޓަކައި ކަމަށެވެ.

ކޮންމެ ގައުމަކުންވެސް ގެނެވޭނީ އެއްލައްކަ ފަންސާސްހާސް އަންސްކިލްޑް ލޭބަރުންކަމަށާއި ޤަވާއިދާއި ޚިލާފަށް އުޅޭ މީހުންނާއިއެކު ރާއްޖޭގައި މިހާރު ބަންގްލްދޭޝް މީހުން އެވަރަށް އުޅޭނެ ކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

އިކޮނޮމިކް މިނިސްޓްރީން މި ގޮތަށް އަމަލުކުރަން ފެށިކަމުގައި ވިޔަސް މިއަދާއި ހަމައަށް ވޯކް ޕާމިޓަށް އެޕްލައި ކޮށްފައި ތިބި ފަރާތްތަކަށް ރާއްޖެއައުމުގެ ފުރުޞަތު ދެވޭނެކަމުގައި މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ