ރާއްޖޭގެ ދެކުނުގެ މޫސުން ގޯސްވެ ހުވަދު އަތޮޅަށް ވައިޓް އެލާޓް ނެރެފިއެވެ.
މިއަދު ހެނދުނު 07:45 އިން 11:00 އަށް ނެރެފައިވާ ވައިޓް އެލާޓުގައި ބުނެފައިވަނީ، ހުވަދު އަތޮޅަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެކަމަށެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، ދެކުނާއި މެދުތެރޭގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރުކޮށް ގުގުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ އަތޮޅުތަކަށް އާންމު ގޮތެއްގައި މޫސުން ރަނގަޅުވާނެ ކަމަށެވެ.
އިރުއުތުރާއި އިރުުން، މެދު ތެރޭގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 18 މޭލާ ދެމެދުގެ ބާރު މިނުގައި އަދި އެހެން ހިސާބުތަކަށް ގަޑިއަކު 5 މޭލާ 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށްވެސް މެޓް އޮފީހުން ވިދާޅުވިއެވެ.
މެދުތެރޭގެ އަތޮޅުތަކުގެ ކަނޑުުތައް އާދައިގެ ވަރަކަށް ގަދަ ވާނެ ކަމަށާއި އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެ ކަމަށްވެސް މެޓް އޮފީހުން ވަނީ ވިދާޅުވެފައެވެ.