އަދީބު ރާއްޖެ ގެނައުން - ފޮޓޯ: އަވަސް

އަދީބު ޖަލަށްލާން ހުކުމްކޮށްފި

ކުރީގެ ނައިބު ރައީސް އަޙްމަދު ޢަދީބު ޢަބްދުލްޤަފޫރު، ތިން މަހާއި އަށާރަ ދުވަހަށް ޖަލަށް ލުމަށް ކުރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

އަދީބުގެ ޖަލަށްލާން ހުކުމް ކޮށްފައި ވަނީ ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް ރާއްޖެއިން ބޭރަށްގޮސް ފިލަން މަސައްކަތް ކުރި މައްސަލާގައެވެ.

މި މައްސަލާގައި އަދީބު ކުށަށް އިޢުތިރާފުވެ މަޢާފަށް އެދުމުގެ ސަބަބުން، މި މައްސަލާގައި އަދީބުގެ މައްޗަށް ކޮށްފައިވަނީ ލުއި ހުކުމެކެވެ.

ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިލަން މަސައްކަތްކުރި މައްސަލާގައި ސުޕްރީމް ކޯޓުން ވަނީ ޝަރީއަތް ނިމެންދެން އަދީބު ބަންދުގައި ބަހައްޓަން ވަނީ އަމުރު ކޮށްފަ އެވެ. ނަމަވެސް ޖަލުގައި ލިބުނު އަނިޔާއަކާއި ގުޅިގެން އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދިނުމަށްފަހު އަދީބު މިހާވަންދެން ހުންނެވީ ގޭބަންދުގައެވެ.

ޕާސްޕޯޓް ހިފަހައްޓާފައި ވަނިކޮށް، ގެދޮރު އިމާރާތް ކުރުމަށް ބޭނުން ކުރާ ސާމާނު ހިފައިގެން ރާއްޖެއައި “ވާގޯ 9″ ނަމަކަށްކިޔާ ޓަގުބޯޓެއްގައި ރާއްޖެއިން ބޭރަށްގޮސް ފިލަން އުޅެނިކޮށް އިންޑިއާ ސިފައިން އަދީބު ހައްޔަރުކޮށްފައިވަނީ، ހުސްވި އޯގަސްޓް 2 ވަނަ ދުވަހުއެވެ.

އަދީބު ފިލަން މަސައްކަތްކޮށްފައި ފުލުހުން ކުރަމުން ގެންދާ ތަޙްޤީޤަކަށް އެ އިދާރާއަށް ހާޟިރުވުމަށް އޭނާއަށް އަންގާފައިވެސް ވަނިކޮށެވެ. ނަމަވެސް އަދީބު ފަހުން ބުނެފައިވަނީ ކުރިއަށް އޮތްތަނުގައިވެސް ފުލުހުންގެ ތަހްޤީޤަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އަދީބު ރާއްޖެ ގެންނެވި ފަހުން އޭނާ ވަނީ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގައި، ރައީސް ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓުގައި ހެކިބަސްވެސް ދެއްވާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ