ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގާނޫނު މިހާރު އޮތް ގޮތުން ހައްދުފަހަނަ އެޅި ފިކުރުގެ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ދަތިތަކެއް ހުރި ކަމަށް ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.
ފައިސަލް ނަސީމް މިހެން ވިދާޅުވީ، އިސްލާމްދީނަށް އިހާނެތިކޮށްހިތުމާއި، ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުން ހުއްޓުވުމާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާ ރައީސް އޮފީހުގައި އިއްޔެ ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައެވެ.
ފައިސަލް ނަސީމް ވިދާޅުވީ، ދީނަށް ފުރައްސާރަކުރާ ފަރާތްތަކާ، ދީނުގެ ނަމުގައި ހައްދުފަހަނަ އަޅާފައިވާ ފަރާތްތަކަށް ފިޔަވަޅު އެޅުމުގައި ހުރި މައިގަނޑު ދަތިތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނު ތަންފީޒުކުރުމުގައި ހުރި ދަތިތައް ކަމަށެވެ.
އެހެންކަމުން އެކަންކަން ހައްލުކުރުމަށް ޤާނޫނަށް އިޞްލާހުތަކެއް ގެންނަންޖެހޭކަމަށް އެ ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ދޭދޭ މީހުންގެ ގުޅުންތައް ރަނގަޅުކުރުމާއި ތަހައްމަލުކުރަން ދަންނަ މުޖުތަމަޢެއްގެ ގޮތުގައި ދިވެހި މުޖްތަމަޢު ދެމިއޮތުމުގެ މުހިންމުކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އިސްލާމްދީނަށް ފުރައްސާރަކޮށް އަދި ދީނުގެ ނަމުގައި ހައްދުފަހަނަ އެޅުމާގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމަށް ޙައްލެއް ހޯއްދުމަށް، އެކުލަވާލައްވާފައިވާ ޚާއްޞަ ކޮމެޓީއާއިއެކު އިއްޔެ ބޭއްވެވި މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކައުންޓަރ ޓެރަރިޒަމް އަދި ތަޙައްމަލުކުރާ މުޖުތަމައެއް ޤާއިމުކުރުމަށް ހުރި ހުރަސްތައް ހިމެނެއެވެ.
އެގޮތުން މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި އިދާރާތަކުގެ ވެރިން ވަނީ ކޮމެޓީގައި ކުރެވެމުންދާ މަސައްކަތްތަކުގެ އިތުރުން އެ އިދާރާތަކާއި ވުޒާރާތަކުން މިހާރު މިކަމާގުޅިގެން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާ އަދި ގެންނަންޖެހޭ ބަދަލުތަކާބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.
މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުރުން މިނިސްޓަރ އޮފް ޑިފެންސާއި މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒާއި މިނިސްޓަރ އޮފް ހޯމު އެފެއާޒްއާއި މިނިސްޓަރ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި ކޮމިޝަނަރ އޮފް ޕޮލިސްގެ އިތުރުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފްއޮފް ސްޓާފް ބައިވެރިވެ ވަޑައިގެންނެވިއެވެ.



