ވޭތުވެދިޔަ ހަފްތާއަކީވެސް މާލޭ ސިޓީގައި މަގުމަތީގެ އެކްސިޑެންޓްތައް ގިނަ ހަފްތާއެއް ކަމަށް ޓްރެފިކް ފުލުހުންގެ ހަފްތާގެ ތަފާސްހިސާބުން ދައްކައިފިއެވެ.
މިއަދު ފުލުހުން އާއްމުކުރި ވޭތުވެދިޔަ ހަފްތާގެ ތަފާސްހިސާބަށް ބަލާއިރު، މަގުމަތީގެ 59 އެކްސިޑެންޓް ހިނގައި 18 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވެއެވެ.
މާލޭގެ މަގުތައް ތަރުތީބު މަގުތަކަކަށް ހެދުމަށްޓަކައި ހެދިގައިވާ އުޞޫލުތައް ފުލުހުން ހިފަހައްޓަމުންދާއިރު، އުޞޫލުތަކާ ޚިލާފަށް ޕާކް ކޮށްފައިވާ އުޅަނދުތަކުގައި ފުލުހުން ދަނީ ސްޓިކަރ ޖަހަމުންނެވެ. އެގޮތުން ޥޭތުވެދިޔަ ހަފްތާގައިވެސް 94 އުޅަނދެއް ޓޯކޮށް، 717 ވެހިކަލެއްގައި ޓްރެފިކް ވައިލޭޝަންސް ސްޓިކަރަ ޖަހާފައިވެއެވެ.
މީގެ އިތުރުން އެއްގަމު އުޅަނދު ދުއްވުމުގެ ގަވާއިދު ތަންފީޒުކުރުމުގެ ގޮތުން 519 ވެހިކަލެއް ފުލުހުން ބަލާ ފާސްކޮށްފައިވާއިރު، ގަވާއިދާ ޚިލާފަށް އަމަލުތައް ބަހައްޓާ ގިނަ ބަޔަކަށް ފުލުހުން ވަނީ ނަސޭހަތްތެރިވެފައެވެ.
ފުލުހުން ބަލާ ފާސްކުރުމުން ފާހަގަކުރެވިފައިވާ ކަންކަމުގެ ތެރޭގައި ލައިސަންސް ނޯންނަ 115 ފަރާތަކުން އުޅަނދު ދުއްވާފައިވާ ކަމާއި، ލައިސަންސް ކާޑު ނެތި 69 ފަރާތަކުން ދުއްވާފައިވާކަން ފާހަގަކުރެވިފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.




