ޝުނާނާ އާއި 'ޕާތު' ގުޅިގެން ހުޅުދޫ އަންހެނުންނަށް ޚާއްސަ ޝެނަނެއް

ވަކީލާ ޝުނާނާއާއި ގުޅިގެން އައްޑޫ ސިޓީ ހުޅުދޫގައި މަސައްކަތްކުރާ އެންޖީއޯއެއް ކަމުގައިވާ ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް އަ ތޯޓްފުލް ހުޅުދޫ (ޕާތު) އިން ހުޅުދޫގައި ދިރިއުޅޭ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތައް ދެނެގަނެ އެކަންތައްތަކަށް ހައްލު ހޯދައިދިނުމުގެ މަގުސަދުގައި މިދިޔަ ހޮނިހިރު ދުވަހު ޚާއްޞަ ބައްދަލުވުމެއް ބާއްވައިފިއެވެ.

ޤާނޫނީ ވަކީލާ ޝުނާނާ، ގާތްގަނޑަކަށް ދޮޅު ގަޑިއިރަށް ކުރިއަށް ގެންދެވި މި ބައްދަލުވުމުގައި އައްޑޫ ހުޅުދޫގައި ދިރިއުޅޭ އަންހެނުންނަށް ދިމާވެފައިވާ މައްސަލަތައް ބައިވެރިންވަނީ ހިއްސާކޮށްފައެވެ.

މި ބައްދަލުވުމުން މައިގަނޑުގޮތެއްގައި ފާހަގަވެފައިވާ މައްސަލަތަކުގެ ތެރޭގައި ހުޅުދޫ އަދި މީދޫގައިވެސް އަންހެން ޑޮކްޓަރެއް ނެތުމުން މާބަނޑު އަންހެނުންނަށާއި އަންހެނުންނަށް ސިއްހީގޮތުން ދިމާވާ އެކިއެކި މައްސަލަތަކަށް އެދެވޭ ފަރުވާ ލިބުމުގައި ހުރި ދަތިތައް ޚާއްޞަގޮތެއްގައި ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން މާބަނޑު އަންހެނުން ވިހަން ކައިރިވުމުން ނުވަތަ ޑޮކްޓަރަށް ދައްކަންޖެހުމުން ކޮންމެ ފަހަރަކު އެހެން ރަށަކަށް ފަރުވާ ހޯދަން ދާންޖެހޭކަމުން ދިމާވާ ދަތިތައް ފާހަގަކޮށްފައިވާއިރު، ބައެއް މީހުން ލޯންޗު މަތީ ވިހެއުންފަދަ ހާދިސާތައްވެސް ހިނގާފައިވާކަން ބައްދަލުވުމުގެ ބައިވެރިން ފާހަގަކުރިކަމަށް ބައްދަލުވުން އިންތިޒާމްކުރި ފަރާތުން މަޢުލޫމާތު ދެއްވިއެވެ.

މީގެ އިތުރުންވެސް ރަށުގައި މަތީ ތައުލީމުގެ ފުރުސަތު ނެތުމާއެކު އެރަށު އަންހެނުންގެ އުއްމީދަކީ އޮންލައިންކޮށް ރަށުގައި ތިބެގެން ކިޔެވޭނެ ފުރުސަތު ތަނަވަސްވެގެންދިޔުން ކަމަށާއި، ނަމަވެސް، އީ ލަރނިނގް ސެންޓަރެއް ނުވަތަ އެފަދަ ނިޒާމެއް ތަނަވަސްވެފައި ނެތުމުގެ ސަބަބުން ދަތިތައް ދިމާވާކަން ބައިވެރިން ފާހަގަކޮށްފައިވާކަމަށް އެފަރާތުން ވިދާޅުވިއެވެ.

ޕާތަކީ ހުޅުދޫ ޒުވާނުންތަކެއް އިސްނަގައިގެން އުފައްދާފައިވާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާގެ މަގުސަދަކީ ހުޅުދޫގެ ކުރިއެރުމަށް މަސައްކަތްކުރުމެވެ. އަދި އެކި ދާއިރާއިން ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންތައް ހައްލުކުރުމަށް މަސައްކަތްކުރުމެވެ. ޕާތު އުފެދުނީ 2018 ވަނަ އަހަރުގެ ނޮވެންބަރު މަހުއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް

ހިޔާލު

  1. ވަކީލް

    އަލް އުސްތާޛާ ޝުނާނާ ތިޔަކޮށްދެއްވާ މަސައްކަތަށް ހަމަ އައްސަރި ބަހާއި ސާބަސް!

ކޮމެންޓް ކުރުން ބަންދު

ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ