ކ.މާފުށީ ޖަލަށް ތޫނު ހަތިޔާރު ވައްދަން މަސައްކަތްކޮށްފައިވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ ޖަލަށް ގިނަ އަދަދެއްގެ ތަކެތި ވައްކަން މަސައްކަތް ކޮށްފައިވާ ކަމަށެވެ. ޖަލަށް އެތެރެކުރަން މަސައްކަތްކުރި ތަކެތީގެ ގޮތުގައި ފުލުހުން ފާހަގަކުރި ތަކެތީގެ ތެރޭގައި ތޫނު ހަތިޔާރުގެ ގޮތުގައި ބޭނުންކުރެވިދާނެ ތަކެތި ހިމެނެއެވެ.
އޭގެ ތެރޭގައި ފަސް ކަޓަރާއި، ތިން ވަޅީގެ އިތުރުން ދެ ކަޓަރުތިލަ ބޮނޑި އަދި 12 ދުނިކީސް ތިލަހިމެނެއެވެ. މީގެ އިތުރުން ފަސް އޫ (ފޯރކް) ވެސް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ، މާފުށީ ޖަލަށް ގިނަ އަދަދެއްގެ ސާމާނުތަކެއް އެތެރެކުރަން އުޅޭކަމަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން ރޭ ދަންވަރު 02:25 ހާއިރު ފުލުހުންނާއި، ކަރެކްޝަނަލް ސަރވިސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައިވަނީ، އުމުރުން 21 އަހަރުގެ ދިވެހި ފިރިހެނަކާއި، 26 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދެމީހުންނަކީވެސް ކަރެކްޝަނަލްގެ އޮފިސަރުން ނޫންކަމަށާއި، އެއީ އާއްމުންގެ ދެމީހުން ކަމަށް ފުލުހުން އަދި ކަރެކްޝަންސް އިންވެސް ވިދާޅުވިއެވެ.
"މި މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުން ދެމީހުންގެ ތެރެއިން 21 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 10 ދުވަސް އަދި 26 އަހަރުގެ މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަސް މާފުށީ މެޖިސްޓްރޭޓް ކޯޓުން ދީފައިވޭ." ފުލުހުން ވިދާޅުވިއެވެ.
މާފުށީ ޖަލަށް މިގޮތަށް ސާމާނު އެތެރެކުރަން އުޅުމުގެ ތެރޭގައި މީގެ ކުރިންވެސް މީހުން ހައްޔަރުކޮށް ސާމާނު އަތުލައިގެންފައިވެއެވެ.




