މާލޭގައި ހިނގާދިޔަ ނުރައްކާތެރި އަލިފާނުގެ ހާދިސާގައި ގެއްލުން ލިބުނު ސިވިލް ސަރވިސްގެ މުވައްޒަފުންނަށް 30 ދުވަހުގެ ޗުއްޓީއެއް ދިނުމަށް އެ ކޮމިޝަނުން ނިންމައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުން ބުނެފައިވަނީ މާލޭގައި ހިނގާދިޔަ އަލިފާނުގެ ނުރައްކާތެރި ހާދިސާގައި އެކި ގޮތްގޮތުން އަސަރުކޮށް ސިވިލް ސަރވިސްގެ ޚިދުމަތަށް ނިކުތުމަށް އުޒުރުވެރިވެފައިވާ، ސިވިލް ސަރވިސްގެ މުވައްޒަފުންނަށް މިއަދުން ފެށިގެން 30 ދުވަހުގެ ޗުއްޓީއެއް ހަމަޖައްސަވައި ދިނުމަށް ކޮމިޝަނުން ނިންމާފައިވާކަމަށެވެ.
އެ ކޮމިޝަނުން ޗުއްޓީ ހަމަޖައްސައިދީފައިވަނީ މި ހާދިސާގައި ގެއްލުން ލިބުނު މުވައްޒަފުން، އާންމު ހާލަތަށް ބަދަލުވުމަށް މަގުފަހި ކުރުމުގެ ގޮތުންނެވެ.
މާލޭގައި ހިނގާދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާގައި، އެކަކު ނިޔާނެ 443 މީހަކު ވަނީ ހާލުގައި ޖެހިފައެވެ. އަދި 13 އާއިލާއެއްގެ 87 މީހަކަށް ވަނީ ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައެވެ.
މި ހާދިސާގައި، އަސަރުކޮށް ގެއްލުން ލިބުނު އެންމެހާ ފަރާތްތަކަށް ސިވިލް ސަރވިސް ކޮމިޝަނާއި މުވައްޒަފުންގެ ނަމުގައި ވަނީ ތަޢުޒިޔާ ދަންނަވާފައެވެ. އަދި މި ހާދިސާގައި ނިޔާވި މަރްޙޫމް އާއިޝަތު ޝައުނާގެ ފުރާނައަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް މިންވަރުކުރައްވައި އާއިލާއަށް ކެއްތެރިކަން ދެއްވުންއެދި އެ ކޮމިޝަނުން ވަނީ ދުޢާ ދަންނަވާފައެވެ.
								
											

