އައްޑޫ ސިޓީ ހުޅުދޫގައި މަސައްކަތްކުރާ އެންޖީއޯއެއް ކަމުގައިވާ ޕްރޮގްރެސިވް އެސޯސިއޭޝަން އޮފް އަ ތޯޓްފުލް ހުޅުދޫ (ޕާތު) އިން "ހުޅުދޫ ރިވެތި ކެރެމާ" ގެ ނަމުގައި އެ ރަށުގައި ޑަސްބިން ބެހެއްޓުމުގެ ހަރަކާތެއް މިދިޔަ ހޮނިހިރު ދުވަހު ވަނީ ކުރިއަށް ގެންގޮއްސައެވެ.
މި ހަރަކާތުގެ ދަށުން ޖުމުލަ 6 ޑަސްބިނެއް ހުޅުދޫގެ ތަފާތު ތިން ސަރަހައްދެއްގައި ބަހައްޓާފައިވާއިރު، ޑަސްބިންތައް ވަނީ ޕްލާސްޓިކާއި އާއްމު ކުނި އެޅުމަށް ހާއްސަކޮށް އެކަން އެނގޭނެހެން ލޭބަލްކުރެވި ބޯޑު ބަހައްޓާފައެވެ.
މިއީ އެ ޖަމިއްޔާއިން މި އަހަރު ބޭއްވި ތިންވަނަ ހަރަކާތެވެ. މިދިޔަ ހުކުރު ދުވަހު އެ ޖަމިއްޔާއިން ސީނު އަތޮޅު މަދަރުސާގެ ދަރިވަރުންނަށް އިންތިޒާމްކޮށްގެން ބޭއްވި ކެރިއަރ ގައިޑެންސް އެންޑް ކައުންސެލިންގ ޕްރޮގްރާމަށް ވަރަށް ބޮޑު ތަރުހީބެއް ލިބިފައިވާކަމަށްވެސް އެ ޖަމްއިއްޔާއިން ވިދާޅުވިއެވެ.

ޕާތްގެ މި ހަރަކާތުގެ މެއިން ސްޕޮންސަރ 'ސޭލްސްކޯ ހާޑްވެއަރ' އަށާއި އެހެނިހެން ގޮތްގޮތުން އެހީތެރިވި ހުރިހާ ފަރާތަކަށް ޕާތުން ޝުކުރު އަދާކުރައްވަނީ، އެ ޖަމްއިއްޔާގެ މެންބަރުންގެ ހިތުގެ އެންމެ ފުންމިނުންނެވެ.
ޕާތަކީ ހުޅުދޫ ޒުވާނުންތަކެއް އިސްނަގައިގެން 2018 ވަނަ އަހަރުގެ ނޮވެންބަރު މަހު އުފައްދާފައިވާ ޖަމިއްޔާއެކެވެ. އެ ޖަމިއްޔާގެ މަގުސަދަކީ ހުޅުދޫގެ ކުރިއެރުމަށް މަސައްކަތްކުރުމާއި، އެކި ދާއިރާއިން ދިމާވެފައިވާ ދަތިތައް ދެނެގަނެ އެކަންތައް ހައްލުކުރުމަށް މަސައްކަތްކުރުމެވެ.