މަންތާ އެއަރގެ އުދުހުންތައް މިއަދު ފަށައިފި

މަންތާ އެއަރގެ އުދުހުންތައް ފަށައިފިއެވެ.

މަންތާ އެއަރއަަށް އުދުހުމުގެ ހުއްދަ ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ ހަފްތާ ތެރޭގައި ދީފައިވާއިރު، މަންތާ އެއަރގެ އުދުހުންތައް ފަށާފައިވަނީ މިއަދުއެވެ.

މަންތާ އެއަރ އިން މިއަދު އުދުހުންތައް ފަށާފައިވާއިރު، މިވަގުތު އެ އެއާލައިނުން ދަތުރު ކުރުމަށް ހަމަޖެހިފައިވަނީ
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓާއި ދ.ކުޑަހުވަދޫ އެއާޕޯޓަށް އެކަންޏެވެ. ނަމަވެސް ކުރިއަށް އޮތްތަނުގައި އިތުރު މަންޒިލްތަކަށް ދަތުރުތައް ފެށުމުގެ ވިސްނުން ގެންގުޅޭކަމަށް އެ އެއަރލައިނުން ވިދާޅުވިއެވެ.

މަންތާ އެއަރ އިން ބުނީ، ކޮންމެ ދުވަހަކު އެ އެއަރލައިނުން ހަތަރު ފްލައިޓެއް ބާއްވާނެ ކަމަށާއި، ކުރިއަށް އޮތްތަނުގައި ޝެޑިއުލް ފްލައިޓް ދަތުރުތައް ކުރިއަށްދާނީ، ފިކްސްޑް ޝެޑިއުލެއްގެ މައްޗަށް ކަމަށެވެ.

މަންތާ އެއާގެ ގިނަ ފެއާ ކެޓަގަރީތަކެއްގެ ޓިކެޓް ލިބޭއިރު، އޭގެ ތެރޭގައި، އަގެހެޔޮ ފެއާއާއި ވަރަށް އަގުހެޔޮ ފެއާތަކުގެ ޓިކެޓުތައް ހިމެނެއެވެ.

މަންތާއިން ބުނީ އެ އެއާލައިން ފެށުމާ ގުޅިގެން އަގުހެޔޮ ފެއާ ލިބޭ "މައިމަންތާ ޕްރޮމޯޝަން" އެއް ފަށާފައިވާކަމަށާއި، އެ ޕްރޮމޯޝަން މާރޗް 1 ވަނަ ދުވަހުގެ ގެ ނިޔަލަށް ކުރިއަށްދާނެ ކަމަށެވެ. އެ އެއާލައިންގެ ޓިކެޓް ސޭލްސް އޭޖެންޓުން މެދުވެރިކޮށާއި، އެ އެއާލައިނުގެ ވެބްސައިޓު މެދުވެރިކޮށް ލިބޭނެއެވެ.

މި އެއަރލައިންގެެ ޚިދުމަތްތަކުގައި ބޭނުން ކުރާނީ ATR-72-600މަރުކާގެ 64 ގޮޑީގެ ޖާގައިގެ ދެ މަތިންދާ ބޯޓެވެ. އެ ބޯޓުތައް މިހާރު ރާއްޖެ ގެނެސްފައިވާއިރު، މަންތާ އެއަރގެ އިތުރު ބޯޓެއް މި އަހަރު ތެރޭގައި ރާއްޖެ އަންނާނެއެވެ.

މަންތާ ވެގެންދާނީ ރާއްޖޭގައި އެތެރޭގެ އުދުހުންތަކުގައި ހަރަކާތްތެރިވާ ތިންވަނަ އެއަރލައިނަށެވެ. މަންތާ އެއަރގެ އިތުރުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ޚިދުމަތްދޭ އެއަރލައިންތަކަކީ ޤައުމީ އެއަރލައިން މޯލްޑިވިއަން، ފްލައިމީ އަދި ސީޕްލޭންގެ ޚިދުމަތްދޭ ޓްރާންސް މޯލްޑިވިއަން އެއަރވޭޒްއެވެ.


ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް