18 ރަށެއްގެ ކައުންސިލް އިދާރާއަށް ޑިރެކްޓަރުން ހޯދުމަށް ސިވިލް ސަރވިސް ކޮމިޝަނުން މިއަދު އިޢުލާނުކޮށްފިއެވެ.
އެ ކޮމިޝަނުން، ޑިރެކްޓަރު ގެ މަޤާމަށް މީހުން ހޯދުމަށް ހުޅުވާލައިފައިވާ ރަށްތަކުގެ ތެރޭގައި އއ. ހިމަންދޫއާއި، މ. މުލިއާއި، ގދ. ގައްދޫއާއި، ގއ. ކޮނޑޭއާއި، އދ. އޮމަދޫއާއި، ކ. މާފުށިއާއި، ބ. ފެހެންދޫއާއި، ތ. ވޭމަންޑޫއާއި، ނ. ޅޮހިއާއި، ބ. އޭދަފުއްޓާއި، ލ. އިސްދޫއާއި، ހއ. ހޯރަފުއްޓާއި، މ. ކޮޅުފުއްޓާއި، ނ. މަނަދޫއާއި، ބ. ކިހާދޫއާއި، ހއ. ބާރަށާއި، ހދ. ހަނިމާދޫގެ އިތުރުން ނ. ވެލިދޫ ހިމެނެއެވެ.
މި މަޤާމްގެ މަސްޢޫލިއްޔަތާއި ވާޖިބުތަކުގެ ގޮތުގައި އޮ ކޮމިޝަނުން ވަނީ 16 ކަމެއް ހިމަނާފައެވެ.
މި މަޤާމްތަކުގެ ޝަރުތުތަކުގެ ގޮތުގައި އެ ކޮމިޝަނުން ކަނޑައަޅާފައިވަނީ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
ނުވަތަ ބިޒްނަސް އެޑްމިނިސްޓްރޭޝަން، ބިޒްނަސް މެނޭޖްމަންޓް ނުވަތަ ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 އިން ފެށިގެން މަތީގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، އެޑްމިނިސްޓްރޭޝަން ނުވަތަ މެނޭޖްމަންޓްގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުމެވެ.
މި ޝަތުރުތަކުންކުރެ ޝަރުތެއް ފުރިހަމަވާ ފަރާތްތަކުން މި މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި 08 އޮކްޓޫބަރު 2019 ވާ އަންގާރަ ދުވަހުގެ 14:00 އާއި ހަމައަށް ހުށައެޅުމުގެ ފުރުޞަތު ސިވިލް ސަރވިސް ކޮމިޝަނުން ވަނީ ހުޅުވާލައިފައެވެ.
މި އިޢުލާނުތަކާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 3307313 ނަންބަރު ފޯނާއެވެ. އީ-މެއިލް ކުރައްވާނީ [email protected] އަށެވެ.




