ގއ.މާމެންދޫ ބަނދަރު މަރާމާތު ކުރުމުގެ މަސައްކަތް ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫއު ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްފައިވަނީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ގައި މިއަދު ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.
ގއ.މާމެންދޫ ބަނދަރު 450 ދުވަހުން ނިންމަން ހަވާލުކޮށްފައިވަނީ، 31،141،293.26ރ (އެއްތިރީސް މިލިއަން އެއްލައްކަ ސާޅީސް އެއްހާސް ދުއިސައްތަ ނުވަދިހަ ތިން ރުފިޔާ ސައްބީސް ލާރިއަށެވެ.
މި މަޝްރޫއުގެ ދަށުން އެރަށުގައި 75 މީޓަރުގެ ނެރުފައިކައްޓަކާއި، 600 މީޓަރުގެ ރިވެޓްމެންޓާއި، 1992 އަކަމީޓަރުގެ ޕޭވްމެންޓް އަދި ދެ ނެރުބައްތި ހަރުކުރުމުގެ އިތުރުން ބޭރު ތޮއްޓަށް ކުދި އުޅަނދުފަހަރު ކައިރިކުރެވޭގޮތަށް 6 އެކްސެސް ޖެޓީ އަދި 32 ބައްތި ހަރުކޮށް 13 މޫރިންގ ބުލޮކްސް ލާންޖެހެއެވެ.
މީގެ އިތުރުން މި އެއްބަސްވުމުގެ ދަށުން، ހިކި ދިޔައިގައި ތިން މީޓަރު ހުންނަވަރަށް ބަނދަރު (12،969 ކިއުބިކް މީޓަރު) ފުންކުރަން އަދި ހިކި ދިޔައިގައި ހަތަރު މީޓަރު ހުންނަވަރަށް ބަނދަރުގެ ނެރު (30،240 ކިއުބިކް މީޓަރ) ފުންކުރުން ޖެހެއެވެ.

މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ޕާރމެނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދު ހަމީދު ސޮއިކުރެއްވިއިރު، ސާސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ، ޑިރެކްޓަރ ސައުދުﷲ އަޙްމަދެވެ.