ޖަލު ގޮޅިއަކީ އަޅުގަނޑު ދަންނަ ތަނެއް، އެއީ އަޅުގަނޑަށް ފަރިތަ ފާރު ތަކެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 48 ވަނަ އަހަރީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު އިމްރާން މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ޖަލު ގޮޅިއަކީ އަޅުގަނޑު ދަންނަ ތަނެއް، އެއީ އަޅުގަނޑަށް ފަރިތަ ފާރު ތަކެއް ކަމަށާއި ޖަލުގެ ތޭރިތަކުގެ ފުރަގަހުގައި އެއްހާހަށްވުރެ ގިނަދުވަހު އޮތިން ކަމަށެވެ. އެހެންކަމުން، ބަންދުގައި ތިބޭ މީހުންނާއި އެމީޙުންގެ އާއިލާތަކުގެ އިހުސާސް ދަންނަ ކަމަށާއި އަދި މިހާރު ޖަލު އޮފިސަލުންނަށް ދިމާވާ ގޮންޖުންތައްވެސް އެބައެނގޭ ކަމަށް މިނިސްޓަރު ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޖަލުގެ ހާލަތު ބަދަލުކުރުމަށްޓަކައި އަޅަންވާ ފިޔަވަޅު ﷲގެ އިޛުނަފުޅާއެކު ކުރިއަށް އޮތްތަނުގައި އަޅާނަން ކަމަށްވެސް މިނިސްޓަރު އިމްރާން ވިދާޅުވިއެވެ.

"އޮފިސަރުންގެ ކަންކަން ހަމަޖެއްސުމުގައި އިސްކަންދީގެން އަވަސްކޮށް ފިޔަވަޅުތަކެއް މިއަޅަނީ އެންމެ ސަބަބަކާހުރެ، އެއީ އަޅުގަނޑުމެން އެކުލަވާލި ޖަލުތަކުގެ އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިހުރި ކަންކަން އިސްލާހުކޮށް، ބައިނަލްއަޤުވާމީ މިންގަނޑުތަކާއި، ދިވެހިރާއްޖޭގެ ޤާނޫނީ އޮނިގަނޑުގައި ބަޔާންކުރާ މިންގަނޑަށް ޖަލުތަކުގެ ހިންގުން ހަރުދަނާކޮށް، ސަރުކާރުން ޤަބޫލުކުރާ ފަލްސަފާ އާއި ސިޔާސަތުތަކާ އެއްގޮތަށް ޖަލުގައި ބަންދުކޮށްފައި ތިބޭ މީހުންނާމެދު މުއާމަލާތްކުރުމަށް މަގުފައިކުރުވުން" ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ 48 ވަނަ އަހަރީ ޖަލްސާގައި ހޯމް މިނިސްޓަރު އިމްރާން އަބްދުﷲގެ އިތުރުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރްގެ އިތުރުން ކޮމިޝަނަރ އޮފް ޕްރިޒަން އާއި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަން އަދި ކަރެކްޝަނަލް ސަރވިސްގެ ގިނަ އަދަދެއްގެ އޮފިސަރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.



