ދީނީ ދަރުސްތައް ދިނުމާއި ދެކޮޅަށް ހއ.ދިއްދޫގެ ކައުންސިލްގެ ކުރީގެ ރައީސް އަދި މިހާރުގެ ކައުންސިލް މެންބަރު އަލީ ހާޝިމް ފާޅުގައި ވާހަކަދައްކައިފިއެވެ.
ޗެނަލް ނިއުސް އޭޝިޔާއިން ދައްކާ އަންޑަރކަވަރ ސީޒަން 6 ގެ 4 ވަނަ އެޕިސޯޑްގައި ރާއްޖެއާ ބެހޭ ގޮތުން ގެނެސްދިން ރިޕޯޓަކަށް ދިން ކުރު އިންޓަރވިއުތަކެއްގައި ހާޝިމް ބުނެފައިވަނީ ޝެއިޚުންގެ ތަޤްރީރްތައް ހުއްޓުވުމަށް އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށެވެ.
ޢަލީ ޙާސިމްގެ ވާހަކައިގައި ޝެއިޚުންނަކީ ހައްދުފަހަނަ އަޅާފައިވާ ބައެއް ކަމަށް ސިފަކޮށްފައިވާއިރު، އެ ތަޤްރީރުތައް ހުއްޓުވޭނެ ގޮތެއް ނެތްކަމަށްބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އެ މޭރުމުން ވާހަކަދައްކަމުން ހާޝިމް ބުނެފައިވަނީ، ޝެއިޚުންގެ ތަޤްރީރްތައް މޮނިޓަރ ކުރާނެ ބަޔަކު ސަރުކާރުގައި ނެތް ކަމަށާއި ދަރުސްތަކުގެ އެހީގައި އާއްމުންގެ ވިސްނުމާ ކުޅޭ ކަމަށް އަދި އެއީނުރައްކާތެރި ކަމެއް ކަމަށެވެ.
"އަހަރެމެންނަކަށް މިތާންގައި އެއްވެސް ކަމެއް ނުކުރެވޭ. މައްސަލައަކީ މިޝެއިޚުންނަކީ ސަރުކާރުގެ ހުއްދައާއެކު އުޅޭ ބައެއްކަން. އެހެންވީމަ އެކަން ހުއްޓުވަން އުޅެފިނަމަ އެކަން މައްސަލައަކަށްވޭ. އަހަންނަކަށް ހިއެއް ނުވޭ، ސަރުކާރުން ބަލާހެނެއް ޝެއިޙުންގެ ތަޤްރީރިތަކުގައި ދައްކާ ވާހަކައެއް، މިއީ ވަރަށް ބޮޑު މައްސަލައެއް އަހަރެމެންނަށް. މިރޭ ދަރުސް ދޭން މިއުޅޭ ޝެއިޚާ ބެހޭ ގޮތުން ބުނެލަން އޮތީ، އަހަރެމެން ހަދައިފިން ޝެއިޚްގެ ބެކްރައުންޑް ޗެކެއް، އޭނާގެ އެބަހުރި ބައެއް ހައްދު ފަހަނަ އަޅާފައިވާ ވިސްނުންތަކެއް. އެހެންނަމަވެސް އޭނައަކީ ދީނީ ދަރުސްދިނުމުގެ ހުއްދަ ސަރުކާރުން ދީފައިވާ ފަރާތެއް. މިފަދަ ދަރުސްތަކުން ރާއްޖޭގެ މުޖުތަމައަށް ޝެއިޙުންގެ ބާރު ފޯރުވާ، އެމީހުންގެ ސިކުނޑިތަކާ ކުޅެލާ. ޚާއްސަކޮށް ރާއްޖެތެރޭގެ ރަށްރަށުގައި" ހާޝިމްގެ އިންޓަވިއުގައި ބުނެފައިވެއެވެ.

އައު ސަރުކާރާއެކު ޝެއިޚުންގެ ތަޤްރީތުތައް ހުއްޓުވޭނެ ޕޮލިސީއެއް ބޭނުންވާ ކަމަށާއި، ޝެއިޚުންގެ ފިކުރާއި ދެކޮޅަށް އަޑު އުފުލަން ޖެހޭ ކަމަށްވެސް ހާޝިމް ބުނެފައިވެއެވެ.
"ސަރުކާރު ބަދަލުވުމާއެކު، އުންމީދު މިކުރަނީ އެމީހުންގެ (ޒުވާނުންގެ) ހުސްވަގުތުތަކުގައި ކުރާނެ ކަންކަން އިންތިޒާމް ކުރެވިގެންދާނެ ކަމަށް. މިސާލަކަށް ތަޢުލީމީ ފުުރުސަތުތަކާއި ކުޅިވަރާއި ހުނަރު ލިބިގަތުމާއި ވަޒީފާގެ ފުުރުސަތުތަކުން އެމީހުންގެ މުސްތަޤްބަލު ރަނގަޅުވާނެ ކަމަށް. އަހަރެމެން އެކަންކަމަށް އަމާޒު ކުރަން އެބަޖެހޭ. އެކަމަކު ޝެއިޚުން އަދިވެސް އަންނާނެ. އެމީހުން އައިސް، އެމީހުންގެ ފަތުވާތަށް ނެރޭނެ. ސަބަބަކީ އެމީހުންނަށް އެކަން ކުރުމުގެ ހުއްދަ އެބައޮތް. އަހަންނަކަށް ހިއެއް ނުވޭ ކައިރި މުސްތަޤްބަލެއްގައި އެކަން ބަދަލުވާނެ ހެނެއް. އެކަމަކު އަހަރެމެން އެކަމާ ބަސް ބުނަން ތަފާތު ޕޮލިސީތަކެއް އުފައްދަން ޖެހޭނީ. އެމީހުންގެ ފިކުރުތަކާ ދެކޮޅަށް ބަސްބުނަަން އެބަޖެހޭ. އެމީހުންދޭ ދީނީ ތަޤްރީރްތަކާ ދެކޮޅަށް." ހާޝިމް ބުންޏެވެ.
ޢަލީ ހާޝިމަކީ ދީނަށް ފާޅުގައި ފުރައްސާރަ ކުރި އިބްރާހިމް އިސްމާއިލް (އިބުރާ) ގެ ދިފާއުގައި ވާހަކަދެއްކުމާއި ގުޅިގެން ކުރިމަތިވި ފިއްތުންތަކާ ގުޅިގެން އަމިއްލައަށް ދިއްދޫ ކައުންސިލްގެ ރައީސްގެ މަޤާމުން އިސްތިއުފާ ދެއްވި މީހެކެވެ.
މިހާރު ދިއްދޫ ކައުންސިލްގެ މެންބަރު ހާޝިމްގެ މި ވާހަކަތަކާ ގުޅިގެން އަނެއްކާވެސް އޭނާއަށް ވަނީ ފާޑުކިޔުންތައް އަމާޒުވެފައެވެ.




