ނޫރުބާން ފަހުމީ - ފޮޓޯ: ޕެންޝަން އޮފީސް

ބާ ކައުންސިލް ބައި-އިލެކްޝަން ނޫރުބާން ފަހުމީ ކާމިޔާބުކޮށްފި

ބާކައުންސިލުގެ ބައި-އިލެކްޝަން ކުޑަ ތަފާތުން، އަލްހާން ފަހުމީގެ ކޮއްކޮ، ނޫރުބާން ފަހުމީ ކާމިޔާބުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރި އައިޝަތު ޝުޖޫން، ބާ ކައުންސިލްގެ މެމްބަރުކަމުން އިސްތިއުފާ ދެއްވުމާ ގުޅިގެން މިއަދު ބޭއްވި ބައި-އިލެކްޝަން ނޫރުބާން ފަހުމީ ކާމިޔާބުކުރީ ހަތަރު ވޯޓުގެ ތަފާތަކުންނެވެ.

މިއަދު ބޭއްވި ބައި-އިލެކްޝަންގެ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ނޫރުބާން މި އިންތިޚާބު ކާމިޔާބުކޮށްފައިވަނީ، އޭނާއާއި ވާދަކުރި ހަމަ އެކަނި ކެނޑިޑޭޓް، ޢަބްދުއްސަލާމް އާރިފް ބަލިކޮށް 101 ވޯޓު ހޯއްދަވައިގެންނެވެ. ވާދަކުރި ކެނޑިޑޭޓަށް ލިބިވަޑައިގެންފައިވަނީ 97 ވޯޓެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ނޫރުބާން ފަހުމީއަށް 51.01 އިންސައްތަ ވޯޓު ލިބިވަޑައިގެންނެވިއިރު، ޢަބްދުއްސަލާމް އަށް ލިބިވަޑައިގެންފައިވަނީ 48.99 އިންސައްތަ ވޯޓެވެ.

މިއިންތިޚާބުގައި ވޯޓުލާފައިވަނީ ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ އެންމެ 13.58 އިންސައްތަ މީހުންނަށް ވާއިރު، ޖުމްލަ ވޯޓު ލާފައިވަނީ 202 މީހުންނެވެ. ނަމަވެސް މި އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު 1،487 މީހުންނަށް ލިބިފައިވެއެވެ.

ބާ ކައުންސިލްގެ ރައީސްކަން މައުމޫން ޙަމީދު ކުރައްވާއިރު، ނައިބު ރައީސްކަން ކުރައްވަނީ ޢަބްދުﷲ މުޢިއްޒުއެވެ. ބާކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީގައި ނޫރްބާން ފަހުމީގެ އިތުރުން ހިމެނިވަޑައިގަންނަވަނީ، މުޙައްމަދު ފައިޞަލް، އަޙްމަދު މުޢިއްޒު، އަނަސް ޢަބްދުއްސައްތާރު އަދި މުޙައްމަދު އަޞީލް ޙަސަންގެ އިތުރުން އަނާރާ ނަޢީމްއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ