މާލޭ ސިޓީ ކައުންސިލުން މާލޭގެ ހަތް މަގެއްގެ ޓްރެފިކް ފްލޯއަށް ބަދަލު ގެނެސް އެކަން ތަންފީޒް ކުރަން ފަށައިފިއެވެ.
މިބަދަލުތައް ގެންނަން ސިޓީ ކައުންސިލުން ނިންމައިފައިވަނީ މިމަހުގެ ތިންވަނަ ދުވަހު ބޭއްވި މާލޭ ސިޓީ ކައުންސިލްގެ ބައްދަލުވުމުގައެވެ.
ސިޓީ ކައުންސިލުން މާލޭގައި އެއްކޮޅަށް ދުއްވޭ މަގުތަކަށް ގެނައި ބަދަލުތަކަށް ބަލާއިރު އަލިކިލޭގެފާނު މަގުގައި ކުރިން އުތުރުން ދެކުނަށް ދުއްވަމުންދިޔަ ދިޔުން މިހާރު ވަނީ ދެކުނުން އުތުރަށް ދުއްވޭގޮތައް ބަދަލު ގެނެސްފައެވެ. މީގެ އިތުރުން ފާށަނާކިލެގެ މަގު އުތުރުން ދެކުނަށް ދުއްވޭގޮތަށް މިހާރު ހަދާފައިވާއިރު ކުރިން އެމަގުން ދުއްވެނީ ދެކުނުން އުތުރަށެވެ.
ހުސްނުހީނާ މަގު އުތުރުން ދެކުނަށް ދުއްވޭ ގޮތަށްވެސް ވަނީ މިހާރު ހަމަޖައްސާފައެވެ. އަދި ދަރުމަވަންތަ މަގު ހުޅަނގުން އިރަށް ދުއްވޭގޮތަށް ހަދާފައިވާއިރު ހިތަށް ފިނިވާ މަގުން، ހުސްނުހީނާ މަގާއި، ނޫރާނީ ގޯޅިއާ ދެމެދު އޮންނަ ސަރަޙައްދު ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.
އަދި ޝަހީދު ކުޑަ އާދަމް ކުޑަތުއްތު ހިނގުމުން، ލިލީމަގާއި ދަރުމަވަންތަ މަގާއި ދޭމެދު އޮތް ސަރަހައްދު ދެކޮޅަށް ދުއްވޭ ގޮތައް ހަދާފައިވާއިރު ހިލާލީ މަގުގެ، ބުރުޒު މަގާއި އަމީނީ މަގާއި ދޭތެރޭ އޮތް ސަރަޙައްދު ދެކޮޅަށް ދުއްވޭ ގޮތަށް ސިޓީ ކައުންސިލުން ވަނީ ނިންމަވާފައެވެ.
ސިޓީ ކައުންސިލުން އަންނަނީ މާލޭގެ މަގުތަކުގެ ޓްރެފިކްގެ މައްސަލައަށް ހައްލެއް ގެނައުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.




