ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީން ނާކާމިޔާބު ވިނަމަވެސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިއަދު ބާތިލްކުރީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ 10 ވަނަ މާއްދާއެވެ. އަދި ސުޕްރީމް ކޯޓުން މިއަދު އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކުރީ، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމަޔަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރަން ފުރުސަތު އިތުރު ކުރުމަށެވެ. ނަމަވެސް އެ ފުރުސަތަކީ ހަމައެކަނި ޕްރައިމަރީއެއްގައި ވާދަކޮށް ނާކާމިޔާބު ފަރާތްތަކަށް އެކަނި ހުޅުވާލަން ޖެހޭ ފުރުސަތެކެވެ.
ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ޤާނޫނީވަކީލް އަބްދުލްމާނިއު ހުސައިން އަދި ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދު އެވެ.
ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ކުރި ހުކުމްގައި ބުނީ، ޕްރައިމަރީއެއްގައި ވާދަކޮށް ބަލިވާ މީހުންނަށް އެއްވެސް ހައިސިއްޔަތަކުން އިންތިހާބުގައި ވާދަ ނުކުރެވޭ ގޮތަށް އޮތުމަކީ ގާނޫނު އަސާސީއިން ކަށަވަރުކޮށްދޭ އިންތިހާބުތަކުގައި ވާދަ ކުރުމުގެ އަސާސީ ހައްގުން މަހުރޫމްވާ ކަމެއް ކަމަށެވެ.
ހުކުމްގައި ބުނީ އެމެރިކާގައި މި އުޞޫލުން އަމަލުކުރި ނަމަވެސް ވެސް އެއީ ދުސްތޫރީ ގޮތުން ހިޔާލު ތަފާތުވެފައިވާ މައްސަލައެއް ކަމަށާއި އެ އުސޫލަކީ ގާނޫނާ ހިލާފު އުސޫލެއް ކަމަށް ބުނެ ކޯޓުތަކުގައި ޗެލެންޖް ވެސް ކޮށްފައިވާ ކަމަށެވެ
އެމެރިކާގައި ވެސް އެ އުސޫލަކީ އެކި ސްޓޭޓްތަކުގައި ތަފާތުކޮށް އަމަލުކުރާ އުސޫލެއްކަން ފާހަގަކުރައްވައި ހުކުމުގައި ވިދާޅުވެފައިވަނީ، އެމެރިކާއަކީ ދެ ސިޔާސީ ޕާޓީއެއްގެ މައްޗަށް ބެހިފައިވާ ގައުމެއް ނަމަވެސް ރާއްޖެއަކީ ގިނަ ސިޔާސީ ޕާޓީތަކުގެ ނިޒާމެއް ކަމުން، އެއުޞޫލް ރާއްޖެއަށް ނުފެތޭ ކަމަށެވެ.
ހުކުމުގައި އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ވޯޓު ލެވެނީ ހަމައެކަނި އެ ޕާޓީއެއްގެ މެންބަރުންނަށް ކަމަށްވާއިރު، އިންތިޚާބުގައި ވޯޓުލުމުގެ ހައްޤު ލިބޭ އެތައް ބަޔަކަށް ޕްރައިމަރީގައި ވޯޓު ނުލެވޭނެތީވެ ޤާނޫނުން ކުރިމަތިލުމަށް ހުރަސް އެޅުމަކީ ކެންޑިޑޭޓެއްގެ ހައްގަށް ލިބޭ އުނިކަމެއް ކަމަށެވެ.