ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އަރިހަށް އިންޑިއާގެ ޗެއަރމަން އޮފް ޗީފްސް އޮފް ސްޓާފް ކޮމިޓީ އަދި ޗީފް އޮފް އާމީ ސްޓާފް ޖެނެރަލް ބިޕިން ރަވަތު މިއަދު އިހްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
ފޮރިންގ މިނިސްޓްރީން ވިދާޅުވީ، މި ބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ކަމަށެވެ.
މި ބައްދަލުވުމުގައި މިނިސްޓަރ ޝާހިދު ވަނީ ޖެނެރަލް ރަވަތު އަށް މަރުޙަބާ ވިދާޅުވެ، ދިވެހިރާއްޖޭގެ ސަލާމަތީ ޚިދުމަތްތަކަށް އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން މިނިސްޓަރ ޝާހިދާއި ޖެނެރަލް ރަވަތު ވަނީ އިންޑިއާއާއި ދިވެހިރާއްޖޭގެ ގުޅުމާއި ބެހޭ ގޮތުންނާއި ދުނިޔެއަށް މިހާރު ކުރިމަތިވެފައިވާ އެކި ނުރައްކާތަކާއި ބެހޭ ގޮތުން ވާހަކަފުޅު ދައްކަވާފައެވެ.
މިނިސްޓަރ ޝާހިދުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވެވަޑައިގަތީ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގެ ސެކްރެޓަރީ، މަލްޓިލޭޓަރަލް ޑރ. އަލީ ނަސީރު މުހައްމަދު އާއި، އިންޑިއާއަށް ކަނޑައަޅާފައި ހުންނަވާ ޑިފެންސް އެޑްވައިޒަރ ކާނަލް އަހުމަދު ތޯހިރުގެ އިތުރުން އިންޑިއާ ޑިވިޝަންގެ ޑިރެކްޓަރ މަރިޔަމް މިދުފާ ނައީމެވެ.




