ނަރުދަމާ ނިޒާމް ހިންގާ ބެލެހެއްޓުން ހަރުދަނާކޮށް، ތަރައްޤީކުރުމަށް، އެމްޑަބްލިޔުއެސްސީ އިން މާލެ ސަރަހައްދުގައި ސަރވޭއެއް ކުރަން ފަށައިފިއެވެ.
2019 އޮކްޓޯބަރ 2 ވަނަ ދުވަހުން 30 ނޮވެމްބަރު 2019 ގެ ނިޔަލަށް މި ސާރވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މާލެ، ހުޅުމާލެ އަދި ވިލިމާލޭގައެވެ.
އެމްޑަބްލިޔުއެސްސީ އިން ވިދާޅުވީ، ކަސްޓަމަރުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް ފުޅާކޮށް، އިތުރަށް ތަރައްޤީކޮށް، ވީހާވެސް ގާތުން ލުއިފަސޭހަކަމާއެކު ޚިދުމަތްތައް ލިބޭނެ އިންތިޒާމްތައް ހަމަޖައްސައިދިނުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އެއް އަމާޒު ކަމަށެވެ. ބ
"ދެ މަސް ދުވަހަށް ކުރިއަށް ގެންދާ މި ސާރވޭގައި ކޮމާޝަލް ބަދިގެތަކުގައި އޮއިލް ޓްރެޕް ހުރިތޯ ފާސްކުރުމާއި، ވިޔަފާރީގެ ކަންކަމަށް ބޭނުންކުރާ ބަދިގެތައް ދެނެގަތުމާއި، އިމާރާތްތަކުގެ ދިޔަދޮވިތައް ގުޅާފައިވާ ގޮތް ބެލިގެންދާނެ." އެމްޑަބްލިޔުއެސްސީ އިން ވިދާޅުވިއެވެ.
ގޭގެ ނަރުދަމާ ނިޒާމަށް މައްސަލަތައް ދިމާވުމަށް މެދުވެރިވާ ސަބަބުތަކާ މެދުގައި ހޭލުންތެރިކުރުމަށް، ދޮރުން ދޮރަށް ހިނގައި މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާކަމަށް އެ ކުންފުނިން ވިދާޅުވިއެވެ.
"މިސާރވޭ ކުރިއަށްގެންދާނީ މިކުންފުނީގެ މުވައްޒަފުންނަށްވާއިރު، ސާރވޭ ކުރާ ފަރާތްތައް އަބަދުވެސް ތިބޭނީ ކުންފުނީގެ މުވައްޒަފެއްކަން އަންގައިދޭ ކާޑުގެ އިތުރުން، ސާރވޭ ކުރާ ފަރާތެއްކަން އެނގޭނެ ގޮތަށް ކުންފުނީގެ ނިޝާން ޖަހާފައިވާ ފާހެއް އަޅައިގެން." މި ސާރވޭގައި ފައިސާގެ އެއްވެސް މުޢާމަލާތެއް ނުކުރާނެކަން ކަށަވަރުކޮށްދެމުން އެ ކުންފުނިން ވިދާޅުވިއެވެ.
އެމްޑަބްލިޔުއެސްސީ އިން ކުރިއަށް ގެންދާ މިފަދަ ކަންކަމުގައި ކަސްޓަމަރުން ދެއްވާ އެއްބާރުލުމަށް އެކުންފުނިން ޝުކުރު އަދާކުރައްވައެވެ.




