ފުލުހުންގެ ނޫސްވެރިންގެ ބައްދަލުވުން - ފޮޓޯ: ޕޮލިސް

ޔާސިރު ޔަޙްޔާ ޖަލުގައި ހުރީ ފުރަން އެއްބަސް ނުވެގެން - ހޯމް މިނިސްޓަރ

ޖަލުގައި ބަންދުކޮށްފައި ހުރި ޔަމަނުގެ ރައްޔިތެއް ކަމަށްވާ ޔާސިރު ޔަޙްޔާ ޞޯލިޙް ޖަލުގައި ހުރީ ފުރަން އެއްބަސް ނުވެގެން ކަމަށް ހޯމް މިނިސްޓަރ އިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓަރ މިހެން ވިދާޅުވީ، މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ހޯމް މިނިސްޓަރ ވިދާޅުވީ، އޭނާ ބަންދު ކުރެވުނީންސުރެ މިއަދާ ހަމައަށްވެސް ދިވެހި ސަރުކާރުން އޭނާއަށް އަންގަމުންދަނީ ރާއްޖެއިން ފުރައިގެން ދިއުމަށް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް އެކަމަށް އޭނާ އެއްބާރުލުން ދީފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ޔާސިރު ޔަޙްޔާ ޞޯލިޙް ބަންދުކުރެވިފައިވަނީ ވިސާ ހަމަވުމުން ރާއްޖެއިން ފުރުމަށް އެންގުމުން އެކަމަށް އިޖާބަ ނުދިނުމާއި ގުޅިގެން 2017 މާރިޗު 3 ވަނަ ދުވަހުއެވެ.

ހޯމް މިނިސްޓަރ އިތުރަށް ވިދާޅުވީ، އިމިގްރޭޝަނަށް ލިބިފައިވާ ބާރުގެ ތެރެއިން އޭނާ ފުރަން އެއްބަސްވީހާ އަވަހަކަށް އޭނާ ފުރުވާލުމުގެ ކަންކަން ދިވެހި ސަރުކާރުން ހަމަޖައްސަވާނެ ކަމަށެވެ.

މިކަމާ ގުޅޭގޮތުން ވާހަކަ ދައްކަމުން ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، އޭނާގެ ފުރުވާލުމަށް ކުރަމުންދާ މަސައްކަތް އެއްބާރުލުން ދީފައި ނުވާއިރު، ޕާސްޕޯޓް ވީތަންވެސް ސާފުކޮށްދީފައި ނުވާ ކަމަށެވެ. އަދި އޭނާ ވަޒީފާ އަދާކުރުމުގައިވެސް ޓެރަރިޒަމާ ގުޅުންހުރި މީހުންނާ މުއާމަލާތް ކޮށްފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ، ޔާސިރު ޔަޙްޔާ ޞޯލިޙް އަކީ ޓެރަރިޒަމްގެ ބެކްރައުންޑް އޮތް މީހެއް ކަމަށާއި، ޔަމަނުގެ އިތުރުން އޮމާން އަދި ޕާކިސްތާނުގައި ޓެރަރިޒަމާ ގުޅުންހުރި މައްސަލަތަކުގައި އޭނާ ހައްޔަރުކޮށްފައިވާ ކަމަށެވެ. އެހެންކަމުން އޭނާ މުޖުތަމައަށް ދޫވެފައި ހުރުމަކީ ނުރައްކާތެރި ކަމެއް ކަމަށް ފުލުހުން ވިދާޅުވިއެވެ.

ދިވެއްސަކާ ކައިވެނިކޮށްގެން އަހުމަދިއްޔާ ސްކޫލުގައި އަރަބި ބަސް ކިޔަވައިދޭ ޓީޗަރެއްގެ ގޮތުގައި އުޅެނިކޮށް ހައްޔަރުކުރި ޔަޙްޔާ ދަނީ ބަނޑުހައިހޫނުކަމުގެ ހަލުތާލެއް ކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ