ޔޫއެންޑީޕީއާއި މިނިސްޓްރީ އޮފް ހޯމްއެފެއާޒް ގުޅިގެން ކުރިއަށްގެންދަން ނިންމާފައިވާ މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމުގެ މަސައްކަތް އެމިނިސްޓްރީން ފަށައިފިއެވެ.
ހޯމް މިނިސްޓްރީން ވިދާޅުވެފައި ވަނީ މީޑިޔާ ކެމްޕެއިނަށް ތައްޔާރުވުމަށް އިއްޔެ ވަނީ މަސްލަހަތުވެރިންގެ މެދުގައި އޮންލައިން މަސައްކަތުބައްދަލުވުމެއް ކުރިއަށްގެންގޮސްފައިކަމަށެވެ. މި މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާރޒް މުޙައްމަދު މާހިރު އީސާއެވެ. މިއީ ޔޫއެންޑީޕީގެ އިންޓެގްރޭޓަޑް ގަވަނަންސް ޕްރޮގްރާމްގެ ދަށުން ހޯމް މިނިސްޓްރީއާ ޔޫއެންޑީޕީ ގުޅިގެން ކުރިއަށްގެންދާ ކެމްޕެއިނެކެވެ.
ހޯމް މިނިސްޓްރީން ވިދާޅުވީ މި މަސައްކަތުބައްދަލުވުމުގެ ބޭނުމަކީ މިވަގުތު މުޖުތަމައުގައި ހުރި މައްސަލަތަކާމެދު މަޝްވަރާކުރުން ކަމަށާއި އަދި މައްސަލަތައް ހައްލުކުރުމަށް ކުރެވިދާނެ ކަންކަމާމެދު ޚިޔާލު ބަދަލުކޮށް، ކެމްޕެއިން މެދުވެރިކޮށް މުޖުތަމައުއަށް ދޭނެ މެސެޖްތަކާ ގުޅޭގޮތުން މަޝްވަރާކުރުން ކަމަށެވެ.
މީގެއިތުރުން މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކޯވިޑް-19 އާ ގުޅިގެން ހީނަރުވަމުން އަންނަ އިޖުތިމާޢީ ބަދަހިކަމާއި، މިކަމާ ގުޅިގެން މުޖުތަމައުއަށް ދިމާވާ މައްސަލަތަކާއި، މައްސަލަތައް ހައްލުކުރާނެ ގޮތްތަކާގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކުރައްވާފައެވެ. އަދި މަޝްވަރާތަކުގެ އަލީގައި މީޑިޔާ ކެމްޕެއިންގެ ތެރެއިން ދޭނެ މެސެޖްތައް ވަނީ ފާހަގަކޮށްފައެވެ.
މަސައްކަތު ބައްދަލުވުމުގެ ކުރިން އިޖުތިމާއީ ބަދަހިކަމާއި، ރާއްޖޭގެ މިހާރުގެ ހާލަތާގުޅޭ ގޮތުން ބައްދަލުވުމުގެ ބައިވެރިންނަށް ވަނީ މައުލޫމާތު ދީފައެވެ. މިމަސައްކަތު ބައްދަލުވުމުގައި 30 ބޭފުޅުން ބައިވެރިވެލެއްވިއިރު އޭގެތެރޭގައި ސަރުކާރުގެ މުއައްސަސާތަކާއި، ޖަމްއިއްޔާތައް، ގުޅުންހުރި އެހެން ފަރާތްތައް ހިމެނެއެވެ. އެގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯރޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އެން.ސީ.ޓީ.ސީއާއި، ބްރޯޑްކާސްޓިންގ ކޮމިޝަނާއި، އެޑިއުކޭޝަން މިނިސްޓްރީއާއި، ޔޫއެންއާއި، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްއާއި، ލޭބަރ ރިލޭޝަން އޮތޯރިޓީއާއި، ބައެއް މަދަނީ ޖަމްއިއްޔާތައް ވަނީ މި ބައްދަލުވުމުގައި ބައިވެރިވެފައެވެ.




