ޖަލުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން އަވަހަަށް ހައްލުކޮށްދިނުމަށް އެޗްއާރްސީއެމް އިން އެދިއްޖެ

ރާއްޖޭގެ ޖަލުތަކުގައި ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށްދޭން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ހޯމް މިނިސްޓްރީގައި އެދިއްޖެއެވެ.

އެޗްއާރުސީއެމްއިން ބުނީ، މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިޚް އިމްރާން ޢަބްދުއްﷲ އާއި މިއަދު ބައްދަލުކޮށްފައިވާކަމަށެވެ. އަދި ނެލްސަން މަންޑޭލާ ރޫލްގެ ދަށުން އޮފިސަރުން ތަމްރީނުކުރުމަށް ޖަލުތަކުގައި ހިންގާ ޓްރޭނިންގ ޕްރޮގްރާމަށް އެޗްއާރުސީއެމްއިން ތަޢުރީފްކޮށްފައިވާއިރު، ޖަލުތަކާއި ބަންދުގައި ބައިތިއްބާ ތަންތަނަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކުރަމުންދާ މަސައްކަތް ބަލައިގަންނަކަމަށްވެސް އެކޮމިޝަނުން ބުންޏެވެ.

އަދި މިމަސައްކަތް އަވަސް ކުރުމަށް މިނިސްޓަރު ޝެއިޚް އިމްރާން ޢަބްދުއްﷲގެ އަރިހުން އެދިފައިވާނެކަމަށްވެސް އެޗްއާރުސީއެމްއިން ބުންޏެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރާއްޖޭގެ ޖަލުތައް އިސްލާހު ކުރަން ވެވަޑައިގެންފައިވާ ވައުދުތައް ފުއްދާ، ޖަލު އޮޑިޓްގެ ރެކޮމަންޑޭޝަން ތަންފީޒު ކުރުމުގެ މަސައްކަތް ކުރިއަށްދާނެކަމަށް މިނިސްޓަރު މީގެކުރިން ވިދާޅުވެފައިވާއިރު، ރައްޔިތުންގެ މަޖިލީހުގައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރ އިމްރާން ވިދާޅުވީ، ކަރެކްޝަންސްގެ ބެލުމުގެ ދަށުގައި މިވަގުތު ހަތަރު ޖަލެއް ހުރި އިރު، ޖަލުތަކުގެ ޖާގައަކީ 1،300 މީހުން ކަމަށް ވިޔަސް، ޖަލުތަކުގައި 1،800 މީހުން އެބަތިބި ކަމަށެވެ.

އަދި ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި ކަމަށް މިނިސްޓަރު ވިދާޅުވެފައިވާއިރު، ޖަލުތަކުގެ އާބާދީ މަދު ކުރުމަށާއި އެކަށީގެންވާ ޖަލުތަކެއް ހެދުމަށް މަސައްކަތް ކުރައްވާ ކަމަށްވެސް މިނިސްޓަރު އެދުވަހު މަޖިލީހުގައި ވާހަފުޅު ދައްކަވަމުން ވިދާޅުވިއެވެ.

ޖަލުތަކުގައި ހުރި ޖާގަތަކަށްވުރެ 40 އިންސައްތަ އިތުރަށް ޖަލުތަކުގައި މީހުން އެބަތިބި - އިމްރާން

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ