ޖަލުތަކަށް ވެއްދުން މަނާ އެއްޗެއް ވެއްދުމުގައި ބައިވެރިވެއްޖެ އޮފިސަރަކު ކަރެކްޝަން ސަރވިސްގައި ހުރުމަކީ ބަލައިގަންނާނެކަމެއްނޫންކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިހެން ވިދާޅުވީ މިއަދު މާފުށި ޖަލުގައި ފެށި ޖަލަށް ވެއްދުން މަނާތަކެތި ހުއްޓުވުމާއި ގުޅޭ މަސައްކަތުބައްދަލުވުން ފައްޓަވައިދެއްވުމުގެ ގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
ކަރެކްޝަން ސަރވިސްގެ އޮފިސަރުންނަށް ކުރިއަށްގެންދާ މަސައްކަތު ބައްދަލުވުން ފައްޓަވައިދެއްވަމުން މިނިސްޓަރ ވިދާޅުވީ އެފަދަކަންކަމަކީ ޓޮލަރޭޓް ކުރައްވާނެ ކަންކަން ނޫންކަމަށެވެ.

"އަޅުގަނޑު ވަރަށް ސާފްކޮށް ދަންނަވަން ބޭނުންވާ ވާހަކައެއް އެބައޮތް. ޖަލުތަކަށް ޤާނޫނީގޮތުން ވެއްދުން މަނާއެއްޗެއް ވެއްދުމުގައި އޮފިސަރަކު ބައިވެރިވެއްޖެނަމަ އެއީ ކަރެކްޝަން ސަރވިސްގެ އޮފިސަރެއްގެ ކިބައިގަ ހުންނަންޖެހޭ ޝަރުތު ފުރިހަމަނުވަނީ. އެފަދަކަމެއް ސާބިތުވެއްޖެ އޮފިސަރަކު މިމުއައްސަސާގައި ހުރުމަކީ އަޅުގަނޑު ޤަބޫލުކުރާނެކަމެއްނޫން. އަޅުގަނޑުމެން ޓޮލަރޭޓްކުރާނެކަމެއްނޫން." މިނިސްޓަރ ވިދާޅުވިއެވެ.
މިނިސްޓަރ ޢިިިމްރާން ވިދާޅުވީ ޖަލުތަކުގެ ސަލާމަތާއި ރައްކާތެރިކަމާއި އަމާންކަމަށް އޮތް އެންމެބޮޑު ގޮންޖެހުމަކީ ޖަލަށް ވަނުން ނުވަތަ ވެއްދުން މަނާތަކެތި ކޮންމެސްގޮތަކަށް ޖަލަށްވަނުން ކަމަށެވެ. އެހެންކަމުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމށް ކުރަންޖެހޭ މަސައްކަތްތަކުގެ ތެރެއިން އެންމެ މުޙިއްމު އެއްމަސައްކަތަކީ ޖަލަށް ވަނުން މަނާތަކެތި ޖަލަށް ވަނުން ހުއްޓުވުންކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިމަސައްކަތުބައްދަލުވުން ނިމިގެންދާއިރު ހުރިހާބޭފުޅުންވެސް ތަޖުރިބާގެ މައްޗަށް ބިނާކޮށް ހުރިހާބޭފުޅުން އެކުގައި މަޝްވަރާކޮށް މީގެން ނެރެވޭ ނަތީޖާއަކަށް ވާންޖެހޭނީ ޖަލަށް ވަނުން މަނާތަކެތި މަދުކުރެވިގެންދާނެ ގޮތްތައް ހޯދާ އެކަމަށްޓަކައި ރަނގަޅު ނިޒާމެއް އެކަށައެޅުންކަމަށް އޮފިސަރުންނާ މުހާތަބުކުރައްވާ މިނިސްޓަރ ވިދާޅުވިއެވެ.
ޖަލަށް ވަންނަން ނުޖެހޭތަކެތި ވަނުމުގައި ކޮންމެވެސް ވަރަކަށް އޮފިސަރުންގެ ބައިވެރިވުން އެބައޮތްކަމަށް ދެކެވޭ ވާހަކަތަކަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ މުއައްސަސާގެ އަގު ހިފަހައްޓާނީ މުއައްސަސާގެ މުއައްޒަފުންކަމަށެވެ.
"އަޅުގަނޑުމެން ކަރެކްޝަން ސަރވިސްގެ ހައިބަތާއި ރައްޔިތުން ކުރިމަތީގައި އޮންނަންޖެހޭ އިހުތިރާމާއި ޤަދަރާއި، އިއްޒަތް ހިފަހައްޓާނީ އަޅުގަނޑުމެން އަމިއްލައަށް. މިއަދުގެ މިމަސައްކަތު ބައްދަލުވުމަކީ އެކަމަށް ކުރެވޭ ވަރަށް މުޙިއްމު މަސައްކަތެއް" މިނިސްޓަރ ވިދާޅުވިއެވެ.



