ފަނޑިޔާރުންގެ މާލީ ބަޔާންތައް އާންމު ކުރުމަށް ސަރުކާރުގެ އެކްޝަން ޕްލޭނުގައި ހިމަނައިފި އެވެ.
ޝަރުއީ ދާއިރާ އިސްލާހުކުރުމަކީ އެމްޑީޕީން ފާޅުކަން ބޮޑު ގޮތެއްގައި ދައްކަމުންއައި އެއް ވާހަކައެވެ. ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގަތްފަހުން ޝަރުއީ ދާއިރާއަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފައެވެ. އަދި މަޖިލިސްތެރެއިން ޝަރުއީ ދާއިރާއާއި ގުޅޭ ބައެއް ޤާނޫނުތަށްވެސް ވަނީ އިސްލާހުކޮށްފައެވެ. މީގެ އިތުރުންވެސް މި ދަޢުތުގައިވެސް ފަނޑިޔާރުންގެ ޤާނޫނަށަ އިސްލާހުގެނެސް، އިންތިގާލީ އަދާލަތުގެ ބިލް މަޖިލީހަށް ހުށަހަޅަން ސަރުކާރުން ވަނީ ނިންމާފަ އެވެ.
2019 ވަނަ އަހަރުން 2023 ވަނަ އަހަރަށް ހާސިލުކުރުމަށް ކަނޑައަޅާފައިވާ ތަރައްޤީގެ ލަނޑުދަނޑިތަކުގެ މައްޗަށް އެކުލެވިގެންވާ މި ޕްލޭނަކީ، މި ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ވަޢުދުތަކާއި އެކިއެކި ދާއިރާތަކުން މިހާރު ވެސް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް ބިނާވެގެންވާ ޕްލޭނެކެވެ. ތަރުތީބުކުރެވި، ތާރީޚުޖެހި، ނަމްބަރުޖެހި، މުއްދަތު ޖެހި، ދެލިކުރެވި އަދި މަޝްވަރާ ހޯދިގެން ތައްޔާރުކޮށްފައިވާ މި ޕްލޭންގެ ދައުރަކީ ސަރުކާރުގެ ސިޔާސަތުތަކާއި ތަރައްޤީގައި އިސްކަންދޭ ކަންތައްތައް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ތަންފީޒުކުރުމާއި، އޭގެ ނަތީޖާ ހާސިލުކުރެވޭ މިންވަރު ދެނެގަނެ، އެ މަސައްކަތްތައް ކުރިއަށްދާ މިންވަރު ބެލުމެވެ.
އެސް.އޭ.ޕީ. ގެ ދަށުން ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ސަރުކާރުން ނިންމަވާފައިވަނީ މައިގަނޑު ފަސް ދާއިރާއަކަށް ބަހާލައިގެންނެވެ. އެއީ ނޫ އިޤްތިޞާދު، އޯގާތެރި ސަރުކާރު، ފަޚުރުވެރި ޢާއިލާ، ޖަޒީރާ ދިރިއުޅުން އަދި ހެޔޮ ވެރިކަމެވެ. ނޫ އިޤްތިޞާދުގެ ދާއިރާގައި ހިމެނެނީ އިޤްތިޞާދީ ލަނޑުދަނޑިތަކާއި، ފުރިހަމަ ގޮތެއްގައި އެ ލަނޑުދަނޑިތައް ޙާޞިލްކުރެވޭނެ ގޮތްތަކެވެ. އޯގާތެރި ސަރުކާރުގެ ދާއިރާގައި ހިމެނެނީ އިޖުތިމާޢީ ކުރިއެރުމުގައި އިސްކަންދެވޭ ކަންތައްތަކެވެ.
ފަޚުރުވެރި ޢާއިލާގެ ދާއިރާގައި ހިމެނެނީ ތަފާތުކުރުންތައް ނައްތާލައި، ހަވާސާވެފައިވާ އާބާދީތަކާ ގުޅިގެން އިސްކަންދެވޭ ކަންތައްތަކެވެ. އަދި، މުޖުތަމަޢު ބިނާކުރުމާއި ޚިދުމަތް ފޯރުކޮށްދިނުމުގައި އިސްކަންދެވޭ ކަންތައްތަކުގެ މައްޗަށް މި ޕްލޭންގެ ޖަޒީރާ ދިރިއުޅުމުގެ ދާއިރާ ބިނާވެފައިވާއިރު، ހެޔޮ ވެރިކަމުގެ ދާއިރާ ބައްޓަންވެފައިވަނީ ދައުލަތް ހިންގުމަށް ގެނެވޭ މުހިއްމު އިޞްލާޙީ ބަދަލުތަކުގެ މައްޗަށެވެ.




