ދެ ކޮމިޝަނަށް ބާރުދޭން ބޭނުން ނުވާ މެމްބަރުންތަކެއް އެބަތިބި - ރިޔާޒު

ދައުލަތުގެ ފައިސާ އާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނާއި ގޮތް ނޭނގޭ މަރުތަކުގެ މައްސަލަތައް ބެލުމަށް އުފައްދާފައިވާ ކޮމިޝަނަށް ބާރުދޭން ބޭނުން ނުވާ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވި ކަމަށް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވެއްޖެއެވެ.

ރިޔާޒް މިހެން ވިދާޅުވިއިރު، ދެ ކޮމިޝަނަށް ބާރުދޭ ބިލަށް މިއަދުގެ ޖަލްސާގައި ވޯޓަށް އެހޭގޮތް ވެފައި ނުވަނީ ކޯރަމް ހަމަނުވެގެނެވެ. މަޖިލީހުގެ ކޯރަމް ހަމަވާނީ 43 މެމްބަރުން ހަމަވުމުން ކަމަށްވާއިރު، މި ބިލަށް ވޯޓަށް އަހަން ބެލިއިރު މަޖިލީހުގެ ތަޅުމުގައި ތިއްބެވީ 42 މެމްބަރުންނެވެ.

މިކަމާ ގުޅިގެން "ރާއްޖެ ޓީވީ" އަށް ދެއްވި އިންޓަވިއުއެއްގައި ރިޔާޒު ވިދާޅުވީ އެ ބިލަށް ވޯޓަށް އެހި ވަގުތު މެމްބަރުން މަޖިލީހަށް ވަޑައިނުގަތް ސަބަބު މިހާރު ވަރަށް ސާފު ކަމަށާއި އެގޮތުން މި ދެ ކޮމިޝަނަށް ބާރުތައް ދޭން ބޭނުން ނުވާ މެމްބަރުންތަކެއް މަޖިލީހުގައި ތިއްބެވިކަން ހާމަވާ ކަމަށެވެ. އެގޮތުން އެ މެމްބަރުން މަޖިލީހުގެ ތަޅުމަށް ނުވަނީ ވޯޓަށް އެހޭޭ ވަރަށް އަދަދު ހަމަވިޔަ ނުދޭން ކަމަށްވެސް ރިޔާޒު ވިދާޅުވިއެވެ.

"ހަމަ ގައިމުވެސް ޖޮއިންޓު ޕާލަމެންޓްރީ ގްރޫޕްގެ ހުރިހާ މެމްބަރުންނަށް ވަކިވަކިން އެނގޭނެ މިއަދު މި ވޯޓަށް އަހާނެކަން. އެ ބޭފުޅުން މިތަނަށް ވަޑައިގަންނަވަން ވެސް ވަޑައިގެންނެވި. މަޖިލީހުގެ ތަޅުމުގެ ތެރެއަށް ވަޑައިނުގަތުމުގެ ސަބަބުން އަދަދު ހަމަނުވީ. އެހެންވީމަ މިއަދު ވަރަށް ސާފުކޮށް އެކަން ފެނިގެދިޔަ ކަމަށް ގަބޫލުކުރެވޭ" ރިޔާޒު ވިދާޅުވިއެވެ.

މިއަދު ޖަލްސާ އަށް ވަޑައިނުގަންނަވާ މެމްބަރުންގެ ތެރޭގައި ދާދިފަހުން ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންނެވި މެމްބަރުންތަކެއް ވެސް ހިމެނޭއިރު އެފަރާތްތަކާމެދު ރިޔާޒް ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ.

"ހުރިހާ ބޭފުޅުންނަށް ވަކިވަކިން އަޅުގަނޑު ވެސް އެންގިން، މިއަދު މަޖިލިސް އޮންނާނެ ކަމާއި މަޖިލީހުގައި މިކަންކަން އޮންނާނެކަން. އެހެންވީމަ އެއާ ހިލާފުވި ފަރާތްތަކުގެ މައްސަލަތައް ބަލާ އެ ޕާޓީއެއްގެ ކަމާބެހޭ ގުނަވަނަކުން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލުކުރަން" ރިޔާޒު ވިދާޅުވިއެވެ.

މި ކޮމިޝަންތަކަށް ބާރު ދީފައި ނުވާތީ، އެ ކޮމިޝަންތަކުގެ މަސައްކަތްތަކަށް ބުރޫ އަރާފައިވާކަމަށް އެ ކޮމިޝަންތަކުން މީގެ ކުރިން ބުނެފައިވެއެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް