ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް - ފޮޓޯ: ސަން

ދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭ - މަޢުމޫން

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުން ހުއްޓުވަންޖެހޭކަމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަލްއުސްތާޛު މަޢުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލަ ހޫނުވެފައިވަނިކޮށް މަޢުމޫން މިހެން ވިދާޅުވީ، ދާދި ދެންމެ ކުރެއްވި ކުރު ޓްވީޓެއްގައެވެ.

މަޢުމޫން ވިދާޅުވީ، އިސްލާމްދީނާއި ރަސޫލާއަށް ފުރައްސާރަކުރުން ބަލައިނުގަނެވޭ ކަމަށެވެ.

"އިސްލާމް ދީނަށް ނުވަތަ ކީރިތި ރަސޫލާ އަށް ފުރައްސާރަކުރުމަކީ އެއްވެސް ޙާލެއްގައި ބަލައިގަނެވޭނެ ކަމެއް ނޫން ކޮންމެ ބަޔަކު ކުރި ނަމަވެސް އެއީ ހުއްޓުވަން ޖެހޭނެ ކަމެއް." މަޢުމޫން ވިދާޅުވިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ތައްޔާރު ކުރި ރިޕޯޓެއްގައި ޤުރުއާނަށާއި ކީރިތި ރަސޫލާ (ސ.އ.ވ) އަށް ބަދުބަސް ރައްދުވާ ގޮތަށް ލިޔެފައިވާތީ ގިނަ ބަޔަކު ދަނީ އެ ޖަމްއިއްޔާއަށް ފާޑުކިޔަމުންނެވެ.

ސޯޝަލް މީޑިޔާގައި އެމްޑީއެން އާއި ދެކޮޅަށް ޚިޔާލު ފާޅުކުރި ބައެއް މީހުން ބުނެފައިވާ ގޮތުގައި އެމްޑީއެންގެ ރިޕޯޓުގައި ވަނީ ކީރިތި ރަސޫލާ އަކީ "ތަކްފީރީ" އެއް ގޮތަށް ސިފަކޮށް މި ޒަމާނުގެ ހައްދުފަހަނަޅައި ދާ ފަރާތްތަކާއި އެއްފަދަ ކޮށްފައި ކަމަށެވެ.

އެމްޑީއެންގެ ރިޕޯޓުގައި އިސްލާމީ ހުދޫދު ތަކަކީ އަނިޔާގެ ގޮތުގައި ސިފަކޮށްފައިވާއިރު އިސްރާ އާއި މިޢުރާޖަށް ކީރިތި ރަސޫލާ އަރާވަޑައިގެންނެވުމަކީ "ޚިޔާލީ ވާހަކައެއް"ގެ ގޮތުގައި ވަނީ ސިފަކޮށްފައެވެ. މީގެ އިތުރުން ވެސް ކީރިތި ޤުރުއާނުގެ ސަބަބުން ގެވެށި އަނިޔާ އިތުރުވާ ކަމަށް ދޭހަވާ ގޮތަށް ވެސް އެ ރިޕޯޓުގައި  ލިޔެފައިވާކަން ފާހަގަކުރެވެއެވެ. 

ރާއްޖޭގައި ޣައިރު މުސްލިމުންނަށް އަޅުކަން ކުރެވޭ ގޮތަށް ތަންތަން ހަދަން ޖެހޭ ކަމަށް ވަކާލާތުކޮށް ވެސް އެމްޑީއެންގެ ރިޕޯޓުގައި ލިޔެފައިވާއިރު އެކަމާއި ދެކޮޅަށް ބައެއް ދީނީ އިލްމުވެރިން ވެސް ވަނީ ވާހަކަ ދައްކަވާފައެވެ. އޭގެ ތެރޭގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝެއިޚް އަލީ ޒައިދް އާއި ޑރ. އިޔާޒް އަބްދުއްލަތީފް ހިމެނިވަޑައިގަންނަވައެވެ.

އެމްޑީއެންގެ ދީނަށް ފުރައްސާރަކޮށް ނެރުނު ރިޕޯޓް ކުށްވެރިކޮށް ޔޫތް މިނިސްޓަރާއި، އިސްލާމިކް މިނިސްޓްރީންވެސް ބަސް ބުނެފައިވާއިރު، އެ ޖަމްއިއްޔާއާއި މެދުގައި ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުގައި ވަނީ އެދިފައެވެ. ނަމަވެސް މިހާތަނަށް އެޖަމްއިއްޔާއާއި މެދު އެއްވެސް ފިޔަވަޅެއް އެޅިކަން ހާމަކޮށްފައެއް ނުވެއެވެ.

އިސްލާމިކް މިނިސްޓްރީން އެމްޑީއެން އަށް ފިޔަވަޅު އެޅުމަށް އެދުމާއި ގުޅިގެން، އެ ޖަމްއިއްޔާގެ ފައުންޑަރ ޝަހިންދާ އިސްމާއީލް ވަނީ އިސްލާމިކް މިނިސްޓްރީއަކީ ޤައުމުގެ ހަލާކުކަމަށް ދޭހަވާގޮތަށް ވާހަކަދައްކާފައެވެ. ނަމަވެސް އެވާހަކަތައް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް މައްސަލައަކަށް ނުވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ