ބޯކޮށް ވާރޭވެހި ފުވައްމުލަކުގައި ފެންބޮޑުވެއްޖެ

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކު ސިޓީއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެއްޖެއެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވިދާޅުވީ، ފުވައްމުލަކަށް މިރޭ ކުރި ވިއްސާރައިގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެން ވަންނާތީވެ، އެމްއެންޑީއެފް ސަދާން އޭރިއާ ފުވައްމުލަކު ފަޔަރ ސްޓޭޝަނުގެ ސިފައިިން ވެލިބަސްތާ ޖެހުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުވައްމުލަކު ސިޓީ ކައުންސިލްގެ މެންބަރު ޙަމަދު ޢަބްދުﷲ މިނޫހަށް ވިދާޅުވީ، މިރޭ އިރުއޮއްސި 06:30 ގައި ވެހެންފެށި ވާރޭ ދެގަޑިއެއްހާއިރަށް ދިގުދެމިގެންދިޔަ ކަމަށާއި، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށުގެ އެކިސަރަހައްދުތަކުގައި ފެންބޮޑުވެފައިވާ ކަމަށެވެ.

ބައެއް ގެތަކަށް ފެން ވަންނަކަމުގެ ރިޕޯޓް ސިޓީ ކައުންސިލަށް ލިބުމާއި ގުޅިގެން މޯލްޑިވްސް ޕޮލިސް ސަރވިސް އާއި އެމްއެންޑީއެފް އަދި ސިޓީ ކައުންސިލް ގުޅިގެން ފެން ވަންނަ ގެތަކުގައި ވެލިބަސްތާ ޖަހާފައިވާ ކަމަށާއި، ރަށުގެ އެކި ސަރަހައްދުތަކުގައި ޕަމްޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ކުރަމުންދާކަމަށް ކައުންސިލް މެންބަރު ޙަމަދު ވިދާޅުވިއެވެ.

މިރޭ ކުރި ވިއްސާރައިގައި ފުވައްމުލަކު ގެތަކަށް ލިބުނު ގެއްލުން ބަލަމުންދާކަމަށްވެސް ފުވައްމުލަކު ސިޓީ ކައުންސިލުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ