ޑިމޮކްރަސީ ނެޓްވޯކަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކޮށްފައިވާތީ އަދާލަތުން ކަންބޮޑުވެއްޖެ

މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓް ޢާއްމުކުރި، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އަށް އިންޓެލިޖެންސް މައުލޫމާތު ހިއްސާކޮށްފައިވާތީ އަދާލަތުން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އަދާލަތު ޕާޓީން މި ކަންބޮޑުވުން ފާޅުކޮށްފައިވަނީ، "ޕްރީލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން މޯލްޑިވްސް"ގެ ނަމުގައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާ ގުޅޭގޮތުން މިއަދު ޢާއްމުކުރި ނޫސްބަޔާނެއްގައެވެ.

އަދާލަތު ޕާޓީން ބުނީ، އެމްޑީއެންގެ ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ، ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ އެކަމާ މެދު އެ ޕާޓީން އިންތިހާޔަށް ކަންބޮޑުވާ ކަމަށެވެ.

"މި ދެންނެވި ކަންކަން [އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައިވުން]، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް “ސަރޓިފައިކުރެވިފައި ނުވާ” މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯބަލާ ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީން ގޮވާލަން." އަދާލަތުގެ ނޫސްބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން އިން ދީނަށް ފުރައްސާރަކުރި ރިޕޯޓުގައި، ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއިމެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާތީ، އެކަން ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ ކަމަށް އަދާލަތު ޕާޓީން ބުނެފައިވެއެވެ.

އިތުރަށް އެ ޕާޓީން ބުނެފައިވަނީ، އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަ އެންމެހާ ފަރާތްތަކަށް އިލްތިމާސްކުރާ ކަމަށެވެ.

"މިފަދަ ކަންކަމާ ގުޅިގެން އުފެދޭ ނުތަނަވަސްކަމުގެ ތެރޭގައި ވަކިވަކި ފަރުދުންނާއި ޖަމާއަތްތަކަށް އިންޒާރުދިނުމާއި، އަނިޔާވެރި އަމަލުތަކަށް މަގުފަހިވެ، މުޖުތަމައުގެ އަމްނު އަމާންކަން ގެއްލިދާނެ އެހެންވެސް ކަންކަމާއި ބަސްމަގު ޚިޔާރުނުކޮށް، ސުލްހަވެރި ގޮތުގައި ޤާނޫނީ ހަމަތަކުގެ ތެރެއިން ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ހައްގުގެ ބޭނުން ކުރުމަށް ގޮވާލަން." އަދާލަތުގެ ނޫސްބަޔާން ނިންމާލަމުން ބުނެފައިވެއެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ