އިރާގުގެ ސަރުކާރާއި ދެކޮޅަށް އެގައުމުގައި ކުރަމުންދާ މުޒާހަރާގައި މިހާރު 100 އާއި ގާތްކުރާ އަދަދަކަށް މީހުން މަރުވެފައި ވާކަމަށް އެގައުމުގެ ޕާލަމެންޓުގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން ބުނެފިއެވެ.
އިރާގުގައި މުޒާހަރާތައް މީގެ ފަސްދުވަސް ކުރިން ފަށައިފައިވަނީ، ކޮރަޕްޝަނާއި، ވަޒީފާގެ ފުރުސަތުތައް ނެތުމުގެ މައްސަލައާއި، އަދި ރައްޔިތުންނަށް ދޭ ހިދުމަތްތައް ދައްވެފައި ވުމުންކަމަށް މުޒާހަރާގެ ބައިވެރިން ބުނެއެވެ.
މިމުޒާހަރާތަކުގައި މިހާތަނަށް 100 އެއްހާ މަރުވެފައި ވާކަމަށް ޕާލަމެންޓުގެ އިންސާނީ ހައްގުތަކާބެހޭ ކޮމިޝަނުން ބުނެފައިވާއިރު އެކޮމިޝަނުން އިތުރަށް ބުނެފައިވަނީ މިމުޒާހަރާތަކުގައި މިހާތަނަށް 3،000 ވުރެ ގިނަ މީހުން ޒަހަމްވެފައި ވާކަމަށެވެ.
އިރާގުގެ ބޮޑުވަޒީރު އާދިލް އަބްދުލް މަހުދީގެ ސަރުކާރާއި ދެކޮޅަށް މިދިޔަ އަންގާރަ ދުވަހު ކުރަންފެށި މިމުޒާހަރާތައް ހުއްޓުވުމުގެ ގޮތުން އެގައުމުގައި މިހާރުވަނީ ވަކިމުއްދަތެއް ނެއްގޮތަށް ކާފިއުވެސް އިއުލާން ކޮށްފައެވެ. ނަމަވެސް މުޒާހަރާތަކަށް މަޑުޖެހުމެއް އައިސްފައެއް ނުވެއެވެ.
މުޒާހަރާތަކާއި ގުޅިގެން އިރާގް ސަރުކާރުން މިހާރުއަންނަނީ އެގައުމުގެ ޕާލަމެންޓުގެ ހާއްސަ ބައްދަލުވުންތަކެއް ބޭއްވުމަށްވެސް މަސައްކަތް ކުރަމުންނެވެ.



