މީގެ ދެމަސްދުވަސް ކުރިން އިރާގުގެ ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވި މުސްތަފާ އަލް ޚަދީމީގެ ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅު އީރާނަށް ކުރައްވައިފިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނަށް ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީ މިއަދު ވަޑައިގެންނެވުމުން އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް އީރާން ސަރުކާރުގެ އިސް އޮފިޝަލުންވަނީ ވަޑައިގެންފައެވެ. ބޮޑުވަޒީރުގެ މި ދަތުރު ފުޅުގައި އީރާނުގެ އެންމެ އިސް ބޭފުޅުންނާއިވަނީ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެވެ.
ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީ އީރާނަށް މި ކުރައްވާ ދަތުރުފުޅުގައި އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ހާމަނާއީ އާއި އަދި ރައީސް ހަސަން ރޫހާނީ އާއިވެސްވަނީ ބައްދަލުކުރައްވާ ގޮތަށް ހަމަޖެހިފައެވެ.
އީރާނަށް ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީ މިކުރައްވާ ރަސްމީ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގަންނަވާ އިއްޒަތްތެރިންގެ ތެރޭގައި އިރާގު ސަރުކާރުގެ ފޮރިން އެފެއާރސް މިނިސްޓަރ، ފައިނޭންސް މިނިސްޓަރ، ހެލްތް މިނިސްޓަރ، އަދި ޕުލޭނިން މިނިސްޓަރ ހިމެނިވަޑައިގަންނަވާކަމަށް އިރާގުގެ މީޑިއާތަކުން މައުލޫމާތު ދެއެވެ.
އީރާން ސަރުކާރުގެ ތަރުޖަމާން އަލީ ރާބިއީ ވިދާޅުވެފައިވަނީ އިރާގު ބޮޑުވަޒީރުގެ މި ދަތުރުފުޅުގެ ސަބަބުން ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވާނެފަދަ މަޝްވަރާތަކެއް ކުރެވިގެންދާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.
އިރާގުގެ ބޮޑުވަޒީރު މުސްތަފާ އަލް ޚަދީމީގެ ފުރަތަމަ ރަސްމީ ބޭރު ދަތުރުފުޅު އީރާނަށް ކުރައްވައިފައި މިވަނީ ސައުދީ އަރަބިއްޔާއަށް ކުރެއްވުމަށް ހަމަޖެއްސި ދަތުރުފުޅު އެގައުމުގެ ރަސްގެފާނު ސަލްމާން މިދިޔަ ހޯމަ ދުވަހު އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެޑްމިޓް ކުރެއްވުމާއި ގުޅިގެން ފަސްކުރައްވަން ޖެހިވަޑައިގެންނެވުމާއި ގުޅިގެންނެވެ.



