ވިއްސާރަ ރެއެއްގެ މަންޒަރެއް - ފޮޓޯ: ފެށުން

ސަމާލުވޭ - ބޮޑު ސަރަހައްދަކަށް މިރޭވެސް ވައިޓް އެލާޓް

މިރޭ ދަންވަރުވެސް ރާއްޖޭގެ ބޮޑު ސަރަހައްދަކަށް މޫސުން ގޯސްވާނެކަމަށް ލަފާކޮށް މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ވައިޓް އެލާޓް ނެރެފިއެވެ.

މެޓް އޮފީހުން މިރޭ ދަންވަރު 00:45 އިން ހެނދުނު 06:00 އަށް ވައިޓް އެލާޓް ނެރެފައިވަނީ، ކ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ސަރަހައްދަށެވެ.

މެޓް އޮފީހުން ވިދާޅުވީ، ވައިޓް އެލާޓް ނެރެފައިވާ ސަރަހައްދަށް، އެލާޓްގެ ވަގުތުގައި ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށެވެ.

ކުރިއަށް އޮތް ވަގުތުތަކަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ދެކުނާއި މެދުތެރޭގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށްވެސް ލަފާ ކުރެވޭ ކަމަށެވެ.

"ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގުދެކުނުން،  އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން، ހުރިހައި ހިސާބަކަށްވެސް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި  ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ." މެޓް އޮފީހުން ވިދާޅުވިއެވެ.

މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެވަރަކަށް ގަދަ ވާނެ ކަމަށެވެ.

"ދެކުނާއި މެދެތެރޭގެ ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭތީވެ، މިސަރަޙައްދު ތަކުގެ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލު ވުމަށް ދަންނަވަން." މެޓް އޮފީހުން ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
51
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ