މަސްތުވާތަކެތީގެ ބޮޑު އޮޕަރޭޝަންގައި އަތުލައިގަތް ފަސް މީހުންގެ ތެރެއިން "ބޮޑު ޑީލަރު" އާއެކު ހައްޔަރުކުރި ތިން މީހަކު ކޯޓުން ދޫކޮށްލައިފިއެވެ.
މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ކަމަށް ތުހުމަތު ކުރެވިގެން ފުލުހުން ހިންގި ފަސް ދުވަހުގެ އޮޕަރޭޝަންގައި މިފަސް މީހުން ޙައްޔަރުކޮށްފައިވަނީ މިދިޔަ ޖުލައިމަހުގެ 30 ވަނަ ދުވަހުއެވެ.
އަދި މަޢުލޫމާތު ލިބިފައިވާ ގޮތުގައި، 6 ކިލޯގެ މަސްތުވާތަކެއްޗާއެކު ޙައްޔަރުކުރި މިފަސް މީހުންނަށް ދަޢުވާކުރުމަށް ޕްރޮސިކުއުޓާ ޖެނެރަލް އޮފީހަށްވަނީ މިދިޔަ ސެޕްޓެމްބަރު މަސް ތެރޭ ފޮނުވާފައެވެ.
މިމައްސަލާގައި ޙައްޔަރުކޮށްފައިވާ ފަސް މީހުންނަކީ ސ. ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހިމް، ހއ. ހޯރަފުށި / ރަންމުލި އަހްމަދު ރައުފު، ހއ. ހޯރަފުށި / އާރޯ އަހްމަދު މަމްދޫޙް އަދި ސ. ހިތަދޫ / ޢަލީ ޙަސަންގެ އިތުރުން ސ. ހިތަދޫ / ޕޫލްބަހާރު މުޙައްމަދު ފައިސަލްއެވެ.
ނަމަވެސް ޝަރީޢަތް ނިމެންދެން ބަންދުގައި ބަހައްޓައިދިނުމަށްއެދިފައިވާ މިފަސް މީހުންގެ ތެރެއިން ސ. ހިތަދޫ / ފިނިފަރު އަބްދުﷲ އިބްރާހިމް، ހއ. ހޯރަފުށި / ރަންމުލި އަހްމަދު ރައުފު، ހއ. ހޯރަފުށި / އާރޯ އަހްމަދު މަމްދޫޙްވަނީ ބަންދުގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމައި ކްރިމިނަލް ކޯޓުން ދޫކޮށްލާފައެވެ.
އަދި ދޫކޮށްލި ތިން މީހުންގެ ތެރޭގައި ހިމެނޭ އަބްދުﷲ އިބްރާޙިމް އަކީ، ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް އޭގެ ވިޔަފާރި ކުރާ މީހެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
“ޢަބްދުﷲ އިބްރާހީމް އަކީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް އުޅޭ މީހެއްކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އަށް ވަނީ ފާހަގަކުރެވިފައި.” ފުލުހުން އޭރު ވިދާޅުވެފައިވެއެވެ.
އަދި ޢަބްދުﷲ އިބްރާހީމް އަކީ ނުރައްކާތެރި ކުށްވެރިއެއް ކަމަށް ފުލުހުން ވިދާޅުވެފައިވާއިރު، ގްރޫޕް ހަދައިގެން މާރާމާރީ ހިންގުމުގެ ތުހުމަތުގައި ދެފަހަރެއްގެ މަތިން އޭނާވަނީ ހައްޔަރުކުރެވިފައެވެ.
މީގެއިތުރުން މިމައްސަލާގައި ހައްޔަރު ކުރި ފަސް މީހުންނަކީ ވެސް ކުށުގެ ރެކޯޑު ގިނަ ފަސް މީހުން ކަން މީގެ ކުރިން ފުލުހުން އާންމު ކުރި މައުލޫމާތުތަކުން އެނގެއެވެ.



