ދިވެހި ފުލުހުންނާއި ކޯސްޓްގާޑުން ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި، ރާއްޖޭގެ ކަނޑުގެ ސަރަހައްދުން 150 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.
ހިންދުސްތާން ޓައިމްސް އިން ބުނެފައިވަނީ، އެ މަސްތުވާތަކެތި ރާއްޖޭގެ ކަނޑުގެ ސަރަހައްދުން އަތުލައިގަތީ އިންޑިއާ އާއި، ސްރީލަންކާގެ ކޯސްޓްކާޑާއި ދިވެހި ކޯސްޓްގާޑް އަދި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ.
މިއީ ފާއިތުވި ތިން މަސް ދުވަސް ތެރޭގައި މިސަރަހައްދުގެ ކަނޑުގެ ސަރަހައްދުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަތް ފަސް ވަނަ ފަހަރެވެ.
އިންޑިއާގެ ކޯސްޓްގާޑް އޮފިޝަލުންނާ ހަވާލާދީ، ހިންދުސްތާން ޓައިމްސްއިން ބުނީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު ޕާކިސްތާނުން ފުރައިގެން ދަތުރުކުރި އެ ބޯޓް ރާއްޖޭގެ ސަރަހައްދަށް ވަނުމުން ދިވެހި ފުލުހުންނާއި ކޯސްޓްގާޑުން އެ ބޯޓް ބަލައި ފާސްކުރިއިރު، އެ ބޯޓުން ދެ ޕެކެޓް ހެރޮއިން ފެނުނު ކަމަށެވެ.
މިކަމާ ގުޅިގެން ދިވެހި ފުލުހުން ވެސް އަދި ކޯސްގާޑުންވެސް އަދި އެއްޗެއް ބުނެފައި ނުވާއިރު، އެ ބޯޓް އިތުރަށް ފާސްކުރަމުން އަންނަ ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
އެ ބޯޓުން ފެނުނު ހެރޮއިންގައި 150 ކިލޯ ވަރު ހުންނާނެކަން ފާހަގަ ކުރަމުން އެ ނޫހުން ބުނީ، އެ ބޯޓާ މެދު އިންޑިއާއަށް ޝައްކު ކުރެވިގެން އެކަން ރާއްޖެ އާއި ސްރީލަންކާގެ ކޯސްޓްގާޑްގެ ސަމާލުކަމަށް ގެނައީ، އިންޑިއާގެ ކޮޗިންގެ 500 ނޯޓިކަލް މޭލުގެ ބޭރުން ކަމަށާއި، އޭރު އެ ބޯޓް ދަތުރު ކުރަމުން އައީ ކޮން ގައުމަކަށްކަށް ނޭނގޭ ކަމަށެވެ.
ކެރަލާގައި ހުންނަ އިންޑިއާގެ އައިއޯއާރް ސެންޓަރުން މިސަރަހައްދުގެ ކަނޑުގެ ސަރަހައްދުތައް ރާޑަރު ބޭނުން ކޮށްގެން ބަލަހައްޓަމުންދާއިރު، ރާއްޖޭ އާއި ލަންކާގައި ހުންނަ ބައެއް ރާޑަރުތަކުގެ މައުލޫމާތު ވެސް މި ސެންޓަރަށް ލިބެމުން ދެއެވެ.




