އެމްޑީއެން އުވާނުލައިފިނަމަ, އެއީ ސަރުކާރަށް ހެދާނެ އެންމެ ބޮޑު ގޯސް!

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އުވާނުލައިފިނަ، އެއީ ސަރުކާރުން ހަދާނެ އެންމެ ބޮޑު ގޯސްކަމަށް މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް ޢަލީ ޒައިދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން "ޕްރިލިމިނަރީ ރިޕޯޓް އޮން ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ގެ ނަމުގައި ނެރުނު ރިޕޯޓެއްގައި އިސްލާމްދީނަށް ފުރައްސާރަކޮށްފައިވާ މައްސަލައިގައި ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންދާ ޝައިޚް ޒައިދު މިހެން ވިދާޅުވީ ކުރެއްވި ކުރު ޓްވީޓެއްގައެވެ.

ޝައިޚް ޒައިދު ވިދާޅުވީ، ތިލަފަތުގެ އެއްކޮޅުގައި ތިބީ ދިވެހި ރައްޔިތުން ކަމަށާއި، އަނެއް ކޮޅުގައި ތިބީ ﷲ އާއި ރަސޫލާއަށް ހަޖޫޖެހި ޖަމްއިއްޔާއެއް ކަމަށެވެ.

"ފުރައްސާރަކުރި ހައެއްކަ މީހެއްގެ ހައްޤުގައި، ސަރުކާރުން މި ލާދީނީ އެމްޑީއެން އުވާނުލައިފިނަމަ، އެއީ ސަރުކާރަށް ހެދޭނެ އެންމެ ބޮޑު ގޯސް! މިހެން ނުހައްދަވާ! ހެޔޮނުވާނެ!" ޝައިޚް ޒައިދުގެ ޓްވީޓްގައި ލިޔުއްވާފައިވެއެވެ.

އެމްޑީއެން އިން އިސްލާމްދީނަށް ފުރައްސާރަކުރި މައްސަލައިގައި މިއަދު ވަނީ ރައްޔިތުންގެ މަޖިލީހަށް ކުއްލު މައްސަލައެއްވެސް ހުށަހަޅާފައެވެ. އަދި އެ ޖަމްއިއްޔާއަށް ފިޔަވަޅު އަޅައިދިނުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުގައި އެދިފައިވާއިރު، ފުލުހުން ވިދާޅުވެފައިވަނީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ.

އެމްޑީއެން އަށް ފިޔަވަޅުއެޅުން ލަސްވެފައިވާތީ ގިނަ ބަޔަކު ދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ. އަދި ޢާއްމު ރައްޔިތުންގެ ތެރެއިން ބައެއް ފަރާތްތަކުން ދަނީ މީގެ ކުރިން ދީނީ ކަންކަމުގައި ދިވެހި ރައްޔިތުން ޢަމަލުކުރިގޮތުގެ ހަނދާން އާކުރަމުންނެވެ.

މިލިޔުން ކިޔާލުމުން
1
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ