އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެވަޑައިގެންނެވި ކެންޑިޑޭޓުން އަލުން އިންތިހާބުގައި ވާދަ ނުކުރައްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ކުރީގެ ރައީސް، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މަޖިލީސް 19 ޕްރައިމަރީގައި މިފަހަރު ކާމިޔާބު ނުލިބުނު އެއްވެސް އެމްޑީޕީ މެމްބަރެއް، އެމްޑީޕީގެ އުސޫލާއި ހިލާފަށް އަލުން އިންތިހާބުގައި ވާދަ ނުކުރަށްވާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ.
މީގެ އިތުރުން ޕާޓީގެ ހުރިހާ މެމްބަރުންވެސް ޕާޓީ އާއީ ރާއްޖޭގެ ސިޔާސީ މަސްލަހަތައް ބައްލަވާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.
ނަޝީދު މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ޕާޓީތަކުން ވާދަކުރާ ކެންޑިޑޭޓް ހޮވުމަށް ބާއްވާ ޕްރައިމަރީން ނާކާމިޔާބު ވިނަމަވެސް އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ޙުކުމް ކުރެއްވުމާއި ގުޅިގެންނެވެ.
Majlis19 MDP primary gai mifaharu kaamiyaabu nulibunu eheves MDP membereh, MDP ge usoolaa khilaafah alun inthikhaab gai vaadha nukuravvaane kamah alhugandu varah unmeedh kuran. Party ge hurihaa memberunves party aai Raajjeyge siyaasee maslahathah bahlavaane kamah dheken
— Mohamed Nasheed (@MohamedNasheed) February 25, 2019
ޕްރައިމަރީން ބަލިވި ނަމަވެސް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ކަނޑައަޅަން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅީ އެމްޑީޕީގެ ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ލިބިވަޑައިނުގެން ނާކާމިޔާބީއާ ކުރިމަތިވި ވިޔަފާރިވެރިޔާ އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ޤާނޫނީވަކީލް އަބްދުލްމާނިއު ހުސައިން އަދި ސ. ހިތަދޫ ގުލްހަޒާރުގޭ އަޙްމަދު މުހައްމަދެވެ.