މޫސުމާއިބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ހައްދުންމަތި ހިމެނޭހެން މެދުރާއްޖެތެރެއާއި އުތުރަށް ވައިޓް އެލާޓް ނެރެފިއެވެ.
މެޓް އޮފީހުން ވައިޓް އެލާޓް ނެރެފައިވަނީ ހއ.އަތޮޅުން ފެށިގެން ލ.އަތޮޅާ ދެމެދުގެ ސަރަހައްދަށެވެ.
މިއަދު މެންދުރުކުރި 11:35 އިން ހަވީރު 16:35 އަށް މެޓް އޮފީހުން ނެރެފައިވާ ވައިޓް އެލާޓްގައި ބުނެފައިވަނީ، އެލާޓްގެ ވަގުތުގައި އެސަރަހައްދަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ.
White alert for heavy rain with thunderstorms. pic.twitter.com/jSv0IHqW8H
— Maldives Meteorology (@MetMaldives) October 8, 2019
ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށް މެޓް އޮފީހުން ވިދާޅުވީ، ރާއްޖޭގެ އެންމެ ދެކުނުގެ މޫސުން އާއްމުގޮތެއްގައި ރަނގަޅުވި ނަމަވެސް އެހެންހިސާބުތަކަށް ގުގުރުމާއެކު ވިއްސާރަކުރުން އެކަށީގެންވާ ކަމަށާއި، އުތުރުގެ ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެވޭ ކަމަށެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން، އަދި އެހެން ހިސާބު ތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ." މެޓް އޮފީހުން ވިދާޅުވިއެވެ.
މެޓް އޮފީހުން އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކަނޑުތައް އާދައިގެވަރަކަށް މަޑުވެފައި، ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.




