ވެސްޓް ޕާކު ސަރަހައްދުގައި ބަހައްޓާފައިވާ ގާޑިޔާތައް ނަގަން މާލޭ ސިޓީ ކައުންސިލުން އަންގައިފިއެވެ.
މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ގާޑިޔާތައް ނަގަން އެންގީ، ސާފުތާހިރުކަން ކުޑަވެ، އެ ތަންތަނުން ކާބޯތަކެތީ ހިދުމަތް ދޭން އެކަށީގެން ނުވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންގުމުންނެވެ.
މިކަމާއި ގުޅިގެން މާލޭ ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މީގެ ކުރިންވެސް އެ ސަރަހައްދުން ގާޑިޔާތައް ނަގަން އެނގިފައިވާނެކަމަށާއި މި ހަފްތާގެ ނިޔަލަށް ގާޑިޔާތައް ނަގައި ނިންމުމަށް ވަނީ އަންގާފައެވެ. އަދި މި މުއްދަތުގެ ތެރޭގައި ގާޑިޔާތައް ނުނަގައިފިނަމަ އެ ކައުންސިލުން ގާޑިޔާތައް ނަގައި ކުނީގެ ގޮތުގައި އެތަކެތި ނައްތާލެކަމުގައި ވަނީ ބުނެފައެވެ.
މިހާރު އެ ސަރަހައްދުގައި ގާޑިޔާތަކުގައި ވިޔަފާރިކުރަނީ ވަގުތީ ހުއްދައެއްގެ ދަށުންނެވެ. އެކައުންސިލުން ބުނެފައިވަނީ އެ ސަރަހައްދުގައި ގާޑިޔާތައް ބެހެއްޓުމުގައި އެ ކައުންސިލާއެކު އެއްވެސް އެއްބަސްވުމެއްވެސް ހަދާފައި ނުވާކަމަށެވެ. މާލޭ ސިޓީ ކައުންސިލުން ވަނީ އެ ސަރަހައްދު ރަސްފަންނާއި ގުޅާލުމަށް ނިންމާފައެވެ.
ވެސްޓް ޕާކް ސަރަހައްދުން ގާޑިޔާތައް ނެގުމަށް އަންގާފައިވާއިރު ގާޑިޔާތައް ބަހައްޓާނެ ތަނެއް މާލޭ ސިޓީ ކައުންސިލުން އެ ފަރާތްތަކަށް ދައްކާފައެއް ނުވެއެވެ.



