އދ. މާމިގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ މަސްތުވާތަކެތި ނައްތާލައިފިއެވެ.
އެކިއެކި މައްސަލަތާކާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން، އދ. މާމިގިލި ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.
މިތަކެތި ނައްތާލައިފައިވަނީ އިއްޔެ އދ. މާމިގިލި ޕޮލިސް ސްޓޭޝަންގެ ގޯތިތެރޭގައެވެ.

މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވީ އިއްޔެ ނައްތާލައިފައިވަނީ 395 މައްސަލައެއްގައި ހިމެނޭ އެކި ބްރޭންޑްތަކުގެ 809 ފުޅި ބަނގުރަލާއި 405 ބިޔަރު ދަޅު ކަމަށެވެ. މިތަކެއްޗަކީ 2019 ޖަނަވަރީ 1 ވަނަ ދުވަހުންފެށިގެން ސެޕްޓެންބަރު 26 ވަނަ ދުވަހުގެ ނިޔަލަށް އެކިދުވަސްމަތިން ވިލާ އިންޓަނޭޝަނަލް އެއަރޕޯޓަށް ފުރަންދާ ފަތުރުވެރިންގެ އަތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެއްޗެވެ.
ބަނގުރާ ނައްތާލުން މާމިގިލީގައި ކުރިޔަށްގެންގޮސްފައިވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭތަކެތި ނައްތާލުމުގައި އަމަލުކުރާނެ ގޮތުގެ ޤަވާއިފުގެ ދަށުން އެކަމަށްޓަކައި އެކުލަވާލި ކޮމެޓީގެ ބެލުމުގެ ދަށުން ކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވަނީ ބުނެފައެވެ.




