ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ހިންގާ ޕްރޮގްރާމްގެ ދަށުން ބާއްވާ 14 ވަނަ ބައްދަލުވުން ވ.އަތޮޅުގައި ފަށައިފިއެވެ.
ވ.އަތޮޅުގެ ރަށްތަކަށް އަމާޒުކޮށްގެން ކެޔޮދޫގައި ކުރިއަށްގެންދަނީ ބައްދަލުވުމުގައި ވ.އަތޮޅުގެ ރަށްތަކުން 40 އަށްވުރެ ގިނަ ބޭފުޅުން ބައިވެރިވެލައްވައެވެ. ބައްދަލުވުމުގައި ބައިވެރިވަނީ ރަށްރަށުގެ މުއައްސަޞާތަކުގެ އިސްބޭފުޅުންނާއި، ކްލަބް ޖަމްއިއްޔާތަކުގެ އިސް ބޭފުޅުންނެވެ.
ބައްދަލުވުން ފެށުމަށް ބޭއްވި ޖަލްސާ ޝަރަފްވެރިކޮށްދެއްވައި ކެޔޮދޫ ކައުންސިލްގެ ރައީސް އަހުމަދު ޔޫސުފް ވިދާޅުވީ، މިއީ ވަރަށް މުޙިއްމު ބައްދަލުވުމެއް ކަމަށާއި، ވ.އަތޮޅުގައި މިބައްދަލުވުން ބާއްވާތީ އުފާކުރައްވާކަމަށެވެ. އަދި ހުރިހާ ބޭފުޅުންވެސް ބައްދަލުވުމުގައި ފުރިހަމައަށް ބައިވެރިވެ، ބައްދަލުވުމުގައި ދޭ މައުލޫމާތުތައް ފުރިހަމައަށް ބޭނުން ހިފުމަށް އިލްތިމާސްކުރެއްވިއެވެ.

ބައްދަލުވުމުގައި ތަފާތު 10 ދާއިރާއަކުން މައުލޫމާތު ޙިއްޞާކޮށް، މަޝްވަރާކުރާއިރު، އެދާއިރާތަކަކީ މޯލްޑިވްސް ޕޮލިސް ސަރވިސް، މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ނެޝަނަލް ޑްރަގް އެޖެންސީ، މިނިސްޓްރީ އޮފް އެޑިއުކޭޝަން، މިނިސްޓްރީ އޮފް ހޯމްއެފެއާޒް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އަދި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީއެވެ.
މިދާއިރާތަކުން ސެޝަންތައް ކުރިއަށްގެންދާނީ ވ.އަތޮޅުގައި އެދާއިރާތަކަށް ފާހަގަކުރެވޭ އަދި ރެކޯޑްކުރެވޭ ކަންތައްތަކަށް ބަލައިގެންނެވެ.
މިއީ ޒިންމާދާރު ރައްޔިތުން ބިނާކުރުމަށް، ރަށްރަށުގައި ތިބި ޒިންމާދާރު ފަރާތްތައް އަހުލުވެރިކުރުމަށާއި، އެފަރާތްތައް މެދުވެރިކޮށް ރައްޔިތުން ޒިންމާދާރުކުރުމަށް އެހީތެރިވުމުގެ ގޮތުން ކުރިއަށްގެންދާ ސިލްސިލާ ބައްދަލުވުންތަކެކެވެ.
މިއީ މިއަހަރު ކުރިއަށްގެންދާ މިސިލްސިލާގެ ފަހު ބައްދަލުވުމެވެ. މިބައްދަލުވުން ކެޔޮދޫގައި ކުރިއަށްދާނީ ބުދަ އަދި ބުރާސްފަތި ދުވަހުއެވެ. މިއަހަރު މިބައްދަލުވުން ކުރިއަށްގެންގޮސްފައިވަނީ ރ.އަތޮޅާއި، ތ.އަތޮޅުގެ އިތުރުން ވ.އަތޮޅުގައެވެ.




