ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރުކުރާ ބިލް ރައީސް އޮފީހަށް ފޮނުވައިފި

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލާއި ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމުގެ ބިލު އެޓާނީ ޖެނެރަލްގެ އޮފީހު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުވައިފިއެވެ.

މި ބިލު ފޮނުވާފައިވަނީ ލާމަރުކަޒީ އުޞޫލުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ނިޒާމު ހަރުދަނާކޮށް، ލޯކަލް ކައުންސިލްތައް ބާރުވެރި ކުރުމަށްޓަކައެވެ.

އޭޖީ އޮފީހުން މިއަދު ނެރުއްވި ނޫސް ބަޔާނުގައި ވިދާޅުވެފައިވަނީ ޤާނޫނު އަސާސީއާއި، ލާމަރުކަޒީ ޤާނޫނު އިސްލާހު ކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ޤާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލްތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިޢާދަ ކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލްތަކުގެ ކަންކަން ހިންގޭނެ މަގު ފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ، ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް، ރައްޔިތުންނާއި ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމްތައް ހަމަޖައްސައިދިނުންކަމަށެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ އަށްވަނަ ބާބު އިޞްލާހު ކުރުމަށް ވަނީ ހުށައަޅާފައެވެ. މި އިސްލާހުގެ ތެރޭގައި ކައުންސިލްތަކުގެ ޢުމުރު، 3 އަހަރުން 5 އަހަށް ބަދަލުކުރުން ހިމެނެއެވެ.

ހުރިހާ ރަށެއް ފުރިހަމައަށް އަތޮޅު ކައުންސިލްގައި ތަމްސީލު ކުރެވި ހުރިހާ ރަށެއްގެ ބައިވެރިވުން އޮންނަ ގޮތަށް އަތޮޅު ކައުންސިލްތައް އެކުލަވާލުމަށްޓަކައި، އަތޮޅުކައުންސިލްތަކުގެ މެންބަރުން ކަމުގައި ވާނީ ކޮންމެ ރަށެއްގެ ރަށުކައުންސިލްގެ ރައީސް ކަމަށާއި، އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތަކާއި ސިޓީ ކައުންސިލްތަކުގެ ރައީސުންނާއި ނައިބު ރައީސުން އިންތިޚާބު ކުރާނީ، ސީދާ ރައްޔިތުންގެ ސިއްރު ވޯޓަކުން ކަމުގައި ހިމެނިފައިވެއެވެ.

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނަށް ގެންނަން ހުށައަޅާ މައިގަނޑު އިސްލާހުތަކުގެ ތެރޭގައި ކައުންސިލްތަކުން ވަކި ކުރެވިފައިވާ ބާރުތަކާއި، ޒިންމާތައް އަލުން އިޢާދަކޮށްދިނުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުޞޫލުތައް ޤާނޫނުގައި ބަޔާންކޮށް ކައުންސިލްތަކުގެ އިޚްތިޞާޞްގައިވާ ވަޞީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރުމުދާ ކައުންސިލްތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުން ހިމެނެއެވެ.

ކައުންސިލްތައް މާލީގޮތުން ބާރުވެރިކުރުވުމުގެ ގޮތުން، ދަޢުލަތުގެ އާމްދަނީގެ %5 އަށްވާ އަދަދުގެ ފައިސާ ކައުންސިލްތަކަށް ދިނުމާއި، ކައުންސިލްތަކުގެ އިޚްތިޞާޞްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަހައްދުތަކުގެ ކުލީގެ %40 އަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލްތަކަށް ބެހިގެންދާ ގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ޚިދުމަތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދިނުމަށްވެސް ވަނީ ހިމެނިފައެވެ.

މީގެ އިތުރުން ރަށުގައި ނުވަތަ ސިޓީއެއްގައި ހިންގާ ޕީއެސްއައިޕީ މަޝްރޫޢުތަކުގެ ތެރެއިން، 5 މިލިއަނަށްވުރެ ކުޑަ މަޝްރޫޢުތައް ކައުންސިލްތަކުން ހިންގާ ގޮތަށް ހަމަޖެއްސުންވެސް މި އިސްލާހުގައި ހިމެނިފައިވެއެވެ.

އަދި ކައުންސިލުތަކުގައި އަންހެނުންގެ ދައުރު އިތުރުކުރުމަށްޓަކައި، ކައުންސިލްތަކަށް އިންތިޚާބުކުރެވޭ މެންބަރުންގެ %33 (ތިރީސް ތިނެއް އިންސައްތަ) ޚާއްޞަކުރެވޭނީ އަންހެނުންނަށް ކަމުގައި ކަނޑައެޅުން. އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތައް ބާރުވެރިކުރުވުމުގެ ގޮތުން އެ ކޮމިޓީތަކުގެ މެންބަރުންނަށް އުޖޫރަ ދިނުމަށް ކަނޑައަޅައި، އެ ކޮމިޓީތަކަށް ވަކި ބަޖެޓެއް ދޭގޮތަށް ހަމަޖެއްސުމަށާއި އޮފީސް ހިންގާނެ ތަން ހަމަޖައްސައިދިނުން ފަދަ އިންތިޒާމުތައް، ކައުންސިލުތަކުން ފޯރުކޮށްދޭންވާނެ ކަމަށް ކަނޑައެޅިފައިވެއެވެ.

މީގެ އިތުރުން ތަރައްޤީގެ ޕްލޭނާއި ލޭންޑް ޔޫސް ޕްލޭނާ ގުޅޭގޮތުންނާއި، ހިންގުމުގައި ނިންމާ މުހިންމު ނިންމުންތައް ނިންމުމުގައި ވީ ވަރަކުން ކައުންސިލުތަކުން ރަށެއްގެ ނުވަތަ ސިޓީއެއްގެ ރައްޔިތުންނާ މަޝްވަރާކުރަން ޖެހޭނެ ކަމަށް ކަނޑައެޅުމާއި، ކައުންސިލުގެ ޒިންމާދާރު ވެރިޔާ ޢައްޔަންކުރުމުގައި ކައުންސިލްގެ ދައުރެއް އޮންނަ ގޮތަށް ހަމަޖެސުން ވަނީ މި އިސްލާހުގައި ހިމެނިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ