ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން - ފޮޓޯ: މަޖިލިސް

މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހޭދަވީ އެންމެ 11 މިނެޓް!

ރައްޔިތުންގެ މަޖިލިހުގެ މިއަދުގެ ޖަލްސާގެ ފުރަތަމަ ދަންފަޅީގެ އެޖެންޑާގައި ހުރި ހުރިހާ ކަމެއް އެންމެ 11 މިނެޓުން ނިމުމުން މެންދުރު ފަހު ވޯޓަށް އެހުމުގެ ދަންފަޅި ކުރިއަށް ގެންދާ ގޮތައް މިއަދުގެ މަޖިލިސް ޖަލްސާ މެދުކަނޑާލައިފިއެވެ.

މިއަދުގެ ހެނދުނު 9:03 ގައި ފެށި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށީ 23 މެންބަރުންނާއެކުގައެވެ.

މިއަދުގެ ޖަލްސާގައި އިލެކްޝަންސް ކޮމިޝަނަށް މެންބަރަކު ޢައްޔަންކުރެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ފުޅުތައް ދިރާސާކުރުމަށް ކަމާބެހޭ ކޮމިޓީއަށް ފޮނުވުމާއި، ހަތަރު ޖަލްސާއެއްގެ ޔައުމިއްޔާ ފާސް ކުރުމާއި، ބޭރު ޤައުމުތަކަށް ރާއްޖެއިން ސަފީރުން ކަނޑައެޅުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަންފުޅުތައް ދިރާސާ ކުރައްވައި ގޮތެއް ނިންމެވުމަށް ފަހު ގައުމީ ސަލާމަތު ކޮމިޓީން ހުށަހަޅާފައިވާ ރިޕޯޓަށް ބަހުސް ކުރުން އެޖެންޑާ ކޮށްފައި އޮތެވެ.

މިއަދުގެ ޖަލްސާގައި ޔައުމިއްޔާތައް ފާސް ކުރުމަށްފަހު އިލެކްޝަން ކޮމިޝަންގެ މެންބަރުކަމަށް އައްޔަން ކުރުމަށް ފޮނުވާފައިވާ ނަންފުޅުތައް މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް މިއަދު ފޮނުވިއެވެ.

ސަފީރުކަމަށް ކަނޑައެޅުމަށް ފޮނުވި ނަންތައް ދިރާސާކުރުމަށްފަހު، ކޮމިޓީން ޖަލްސާއަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް 30 މިނިޓްގެ ފުރުސަތެއް ރިޔާސަތުން މެންބަރުންނަށް ހުޅުވައިލެއްވި، ނަމަވެސް ރިޕޯޓަށް ބަހުސް ކުރަން އެއްވެސް މެންބަރަކު އެދިވަޑައިނުގަތުމުން މިއަދުގެ ޖަލްސާ ވަނީ މެދުކަނޑާލާފައެވެ.

މިއަދު މަޖިލީހުގެ ވޯޓަށް އަހާ ދަންފަޅި ފަށާނީ 13:30 ގައެވެ. މިއަދު ވެސް ރިޔާސީ ކޮމިޝަންގެ ބިލް ފާސްކުރަން ވޯޓަށް އެހުމަށާއި ޕެންޝަން ފައިސާ އިން ހައްޖަށް ދެވޭނެ ގޮތައް ޤާނޫނަށް ގެންނަ އިސްލާހަށް ވޯޓަށް އެހުން ތާވަލް ކޮށްފައިވާއިރު، އިއްޔެ ވެސް އެދެމައްސަލަ އަށް ވޯޓަށް އެހުމަށް ތާވަލް ކުރިނަމަވެސް މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތު ކަމަށްވާ 43 މެންބަރުން ޖަލްސާ އަށް ވަޑައިނުގަތުމުން ވޯޓަށް އެހޭ ގޮތްވަނީ ނުވެފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ