މާލެއަށް ކުރަމުންދާ ވިއްސާރައިގައި ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، މާލެއިން ފެން ހިއްކުމުގެ މަސައްކަތް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (ޢެމްއެންޑީއެފް) އިން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލޭ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެންބޮޑުވުމުގެ ސަބަބުން، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސަރވިސްގެ ސިފައިން ފެން ހިއްކުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.
އެމްއެންޑީއެފް ސިފައިން ޕަމްޕް ޖަހައިގެން ފެން ހިއްކުމުގެ މަސައްކަތް ކުރަމުންދަނީ ވެސްޓްޕާކް ސަރަހައްދުގައެވެ.
ރާއްޖޭގެ މޫސުމާބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ލަފާކުރައްވާ ގޮތުގައި ރާއްޖޭގެ އެކިހިސާބަށް ވިއްސާރަ ކުރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށާއި، ބައެއް ރަށްތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށްވެސް ލަފާކުރެއެވެ.
"ދެކުނުގެ އަތޮޅުތަކަށް އިރާއި އިރުދެކުނުން ދެކުނު އަތޮޅުތަކަށް ގަޑިއަކު 8 މޭލާ 18 މޭލާ ދެމެދުގެ ބާރުމިނުގައި އެހެން ހިސާބުތަކުގައި ހުޅަނގުދެކުނާއި ހުޅަނގުން، ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ. ވިލާގަނޑުގައި ގަޑިއަކު ގާތްގަޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވޭ" މެޓް އޮފީހުން ވިދާޅުވިއެވެ.
އެންމެ ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެވަރަކަށް ގަދަވާނެ އެހެން ހިސާބުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފަ ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވިއެވެ.



